އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ލަޝްކަރަކީ 24 ގަޑިއިރު އަދި އަހަރުގެ 365 ދުވަހު ސުލްހައަށް ފުރުޞަތު ދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެއެވެ. މެއި މަހުގެ 29 ވަނަ ދުވަހަކީ މި ލަޝްކަރު އަދާކުރާ މުހިންމު ދައުރު ފާހަގަކުރާ ދުވަހެވެ. އެއީ 1948 ވަނަ އަހަރު އދ.ގެ ފުރަތަމަ ސުލްހަ ބަލަހައްޓާ މިޝަން، "ޔޫއެން ޓްރޫސް ސުޕަވިޒަން އޯގަނައިޒޭޝަން (ޔޫއެންޓީއެސްއޯ)" ފަލަސްތީނުގައި އޮޕަރޭޝަންތައް ފެށި ދުވަހެވެ. އެހެންކަމުން ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ދުވަހުގެ ނަމުން މަޝްހޫރުވެފައިވާ މި ދުވަހަކީ މިކަމުގެ ބައިވެރިއެއްގެ ގޮތުން އިންޑިއާ އަށް ވެސް ފާހަގަކޮށްލެވޭ ދުވަހެކެވެ.

ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށާއި، އާންމުން ހިމާޔަތްކޮށް، ސިޔާސީ ހައްލުތައް ހޯދުމަށާއި ދެމެހެއްޓެނިވި ސުލްހަ ޤާއިމުކުރުމަށް އެހީތެރިވެދިން ބާރެއް ކަމަށްވާ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ 75 އަހަރުގެ ދަތުރުގައި އިންޑިއާ އިން ވަނީ ކެނޑިނޭޅި ބައިވެރިވެފައެވެ. ބްލޫ ހެލްމެޓްސްގެ ނަމުން ނަންދެވިފައި އެވަނީ1947 ވަނަ އަހަރު އދގެ އާންމު މަޖިލީހުގެ ގަރާރު 167 (II) އިން އދ.ގެ ދިދައިގެ ކުލައަކީ ނޫ ކުލަކަމުގައި ފާސްކޮށްފައިވާތީއެވެ. އދ ތަމްސީލު ކުރަނީ މި ތަފާތު ނޫ ކުލައިންނެވެ. އެހެނީ ރަތް ކުލައިން ހަނގުރާމަ ރަމްޒުކޮށްދޭއިރު، ނޫކުލައިން ރަމްޒުކޮށްދެނީ ސުލްހައެވެ.

އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ޑަގް ހަމާސްކްޖޮލްޑް މެޑަލް މިއަހަރު އިންޑިއާއަށް ވަނީ ލިބިފައެވެ. އިންޑިއާގެ ސުލްހަ ބަލަހައްޓާ ދެ ސިފައިން ކަމަށްވާ ހެޑް ކޮންސްޓެބަލް ޝިޝޫޕާލް ސިންގް އާއި ސަންވާލާ ރާމް ވިޝްނޯއީ އަކީ ސުލްހަ ގާއިމުކުރުމަށް ކުރި މަސައްކަތުގައި ނިޔާވި 176 ވަނަ އަދި 177 ވަނަ އިންޑިއާގެ ރައްޔިތުންނެވެ. އެ މީހުންގެ ފުރާނަ ގެއްލިފައިވަނީ މިދިޔަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އދ.ގެ ދަށުން މަސައްކަތް ކުރަމުން ދަނިކޮށެވެ. ސިންގް އާއި ވިޝްނޯއީގެ ޣައިރު ހާޒިރުގައި ޑެގް ހަމާސްކްޖޯލްޑް މެޑަލް ދީފައި ވަނީ ހޯމަ ދުވަހު (މެއި 29، 2023) ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މީގެ އިތުރުން އދ.ގެ އެސިސްޓެންސް މިޝަން ފޮރ އިރާގު (ޔޫ.އެން.އޭ.އެމް.އައި)ގައި މަދަނީ ހައިސިއްޔަތުން ވަޒީފާ އަދާކުރި އިންޑިއާގެ އެހެން ބޭފުޅެއް ކަމަށްވާ ޝަބެރު ތާހެރް ޢަލީއަށްވެސް ވަނީ މި ޝަރަފު އަރުވާފައެވެ.

އދ.ގެ ސުލްހަ ބަލަހައްޓާ އޮޕަރޭޝަންތަކުގައި އިންޑިޔާގެ ޙިއްޞާއިން އެޤައުމުގެ މުއްސަނދި ތަރިކައާއި ޢަޒުމް ދައްކުވައިދެއެވެ. ސިފައިން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމުގެ ހައިސިއްޔަތުން އިންޑިއާއިން ވަނީ މިހާތަނަށް ސުލްހަ ބަލަހައްޓާ އެކި މިޝަންތަކަށް ގާތްގަނޑަކަށް 275،000 ސިފައިން ފޯރުކޮށްދީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އދ.ގެ 12 މިޝަނެއްގައި އިންޑިއާގެ 5،900 އެއްހާ ސިފައިން ހަރަކާތްތެރިވަމުން މިހާރުވެސް އެބަދެއެވެ.

އިންޑިޔާގެ އަސްކަރިއްޔާގެ ސިފައިންނަކީ ގޮންޖެހުންބޮޑު ޙާލަތްތަކާއި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އާދަޔާ ޚިލާފު ޕްރޮފެޝަނަލިޒަމާއި ހިތްވަރާއި އަޒުމް ދައްކަމުން އަންނަ ބައެކެވެ. އދގެ މެންޑޭޓް ޤާއިމްކުރުމުގެ މި މަސައްކަތް ކުރަމުންދަނީ އިންސާނިއްޔަތުގެ ފިކުރާއި ހަމްދަރުދީގެ މަގުންނެވެ.

މިންތީގެ ހަމަހަމަކަމުގެ މައްޗަށް ދެވިފައިވާ އަހައްމިޔަތުކަން

ސުލްހަ ބަލަހައްޓަން ހުރި ގޮންޖެހުންތައް ހަރުދަނާ ގޮތެއްގައި ހައްލުކުރުމުގައި އަންހެނުންގެ ގާބިލުކަން ދެނެގަނެ، އިންޑިއާއިން އަންނަނީ އަސްކަރިއްޔާއާއި ފުލުހުންނާއި މަދަނީ ބައިތައް ހިމެނޭ ގޮތަށް އެކި އެކި ރޯލުތަކުގައި އަންހެނުން ހިމެނުމަށް ހަރަކާތްތެރިވަމުންނެވެ. ލުބުނާނާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ފަދަ ގައުމުތަކަށް ފީމެލް އެންގޭޖްމަންޓް ޓީމް (އެފްއީޓީ) އަދި ފީމޭލް ފޯމްޑް ޕޮލިސް ޔުނިޓް (އެފްއެފްޕީޔޫ) ޤާއިމްކޮށް އިންޑިއާއިން ވަނީ މިންތީގެ ހަމަހަމަކަމުގެ ވަރުގަދަ އަޒުމެއް ދައްކައިފައެވެ. މި ޑިޕްލޮއިމަންޓްތަކުގެ ސަބަބުން އިންޑިޔާގެ އަންހެން ސުލްހަ ބަލަހައްޓާ ސިފައިންނަށް އިޖްތިމާއީ ގުޅުން ބަދަހިކޮށް، މަޝްވަރާތަކަށް މަގުފަހިކޮށްދީ، ނިކަމެތި އާބާދީތަކަށް، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެއެވެ.

އިންޑިޔާގެ އަންހެން ސުލްހަ ބަލަހައްޓާ ސިފައިންނަށް އެމީހުންގެ މިޝަންތަކުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެއެވެ. މިގޮތުން، އދ.ގެ ސުލްހަ ބަލަހައްޓަން ސިފައިންގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ކުރީގައި އޮތް އެއް ގައުމު ކަމަށްވާ އިންޑިއާއިން ވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެކުނު ސޫދާންގެ އަބީއީއަށް އަންހެން ސުލްހަ ބަލަހައްޓާ ސިފައިންގެ ޕްލެޓޫނެއް ފޮނުވައިގެން ފާހަގަކޮށްލެވޭ ޑިޕްލޮއިމަންޓެއް ޤާއިމްކޮށްފައިއެވެ. މިއީ 2007 ވަނަ އަހަރުން ފެށިގެން އދ.ގެ މިޝަނެއްގައި ޤާއިމްކުރެވުނު އިންޑިއާގެ އަންހެން ބްލޫ ހެލްމެޓްސްގެ އެންމެ ބޮޑު ޔުނިޓެވެ. މި ޑިޕްލޮއިމަންޓް ރަމްޒުކޮށްދެނީ ސުލްހަ ބަލަހައްޓާ ކޮންޓިންޖެންޓްތަކުގައި އިންޑިޔާގެ އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުކުރުމަށް އިންޑިއާއިން ޢަޒުމް ކަނޑައަޅުއްވާފައިވާ މިންވަރެވެ. މީގެ ކުރިން އިންޑިއާއިން ވަނީ 2007 ވަނަ އަހަރު ލައިބީރިއާގައި ފުރަތަމަ ފަހަރަށް އަންހެން ކޮންޓިންޖެންޓް ޤާއިމްކޮށްފައިއެވެ.

ހަމަނުޖެހުންތަކާއި ސަލާމަތާއި ރައްކާތެރިކަމުގައި އަންހެނުންގެ ދައުރާ މެދު މުޖުތަމައުގެ ވިސްނުން ބަދަލުކުރުމުގައި ބޭނުންވަނީ ހަރުދަނާ އަދި ދެމެހެއްޓެނިވި އުސޫލެކެވެ. މީގެ އިތުރުން އެކަށީގެންވާ ވަސީލަތްތަކާއި އާލަތްތައް ލިބުން މަދުވުމާއި މިންތީގެ ހަމަހަމަކަމުހެ މައްޗަށް ހާއްސަކުރެވިފައިވާ ތަމްރީނު ތައް ލިބުން ފަދަ ލޮޖިސްޓިކް ހުރަސްތަކުގެ ސަބަބުން މި ދާއިރާގައި އަންހެނުންގެ އަމަލީ މަސައްކަތަށް ހުރަސް އެޅެއެވެ. މީގެ އިތުރުން، އަންހެން ސުލްހަ ބަލަހައްޓާ ސިފައިންނަކީ ސަލާމަތީ ނުރައްކާތަކާއި، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވެ، އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުޅާ ދާއިރާއެއްގައި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ބައެކެވެ.

އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި މަސައްކަތްކުރާ އިންޑިއާ އަންހެނުންނަކީ ލާމަސީލު ބައެއްގެ ގޮތުގައި މަސައްކަތްކޮށް، ޖިންސުގެ ސްޓެރިއޯޓައިޕްތަކަށް ގޮންޖަހާ، އަންނަން އޮތް ޖީލުތަކަށް ހިތްވަރު ދޭ ބައެކެވެ. އެމީހުންގެ ސަބަބުން މުޖުތަމަޢުތަކަށް ވަރަށް ބޮޑަށް ހިއްވަރުލިބި، އަންހެނުންނާއި އަންހެން ކުދިން، މި ގެންނަ ބަދަލުގައި ބާރުވެރިކުރުވައި، ޖިންސުގެ ހަމަހަމަކަން ކުރިއެރުވުމަށް މަގުފަހިކޮށްދެއެވެ. އާންމުންނާއި ގުޅިގެން އިންޑިއާގެ އަންހެން ސުލްހަ ބަލަހައްޓާ ސިފައިން އިތުބާރު އުފައްދައި، މަޝްވަރާއަށް މަގުފަހިކޮށްދީ، ޖިންސީ ފުރައްސާރަކުރުން ފަދަ ނާޒުކު މައްސަލަތަކަށް ހައްލު ހޯދައިދެއެވެ. ހަމަނުޖެހުންތަކާއި ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަ ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކޮށް، ސަލާމަތާއި އުއްމީދުގެ ގެނުވައި އާކޮށްދެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ވެފައިވާ ވައުދާ އެއްގޮތަށް ވަނީ ނިއު ދިއްލީގައި ސެންޓަރ ފޮރ ޔޫއެން ޕީސްކީޕިންގ (ސީ.ޔޫ.އެން.ޕީ.ކޭ) ޤާއިމްކޮށް، ސުލްހަ ބަލަހައްޓާ އޮޕަރޭޝަންތަކުގެ ޓްރެއިނިންގ ދީފައެވެ. އެ ސެންޓަރުން ކޮންމެ އަހަރަކު 12،000 އަށް ވުރެ ގިނަ ސިފައިން ތަމްރީނު ކުރެއެވެ. ސީޔޫއެންޕީކޭއަކީ ކޮންޓިންޖެންޓް ޓްރެއިނިންއިން ފެށިގެން ޤައުމީ އަދި ބައިނަލްއަޤްވާމީ ކޯސްތަކާ ހަމައަށް ސުލްހަ ބަލަހައްޓާ ފަރާތްތަކާއި ޓްރެއިނަރުންނަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. މީގެ އިތުރުން ބެސްޓް ޕްރެކްޓިސްތައް ހިއްސާކުރުމުގެ ގޮތުން ބޭރުގެ ވަފުދުތައް ވެސް ގެނެއެވެ.

އދ.ގެ ސުލްހަ ބަލަހައްޓާ ތަމްރީނުގެ ދާއިރާއިން ޤާބިލްކަން އިތުރުކުރުމުގެ ގޮތުން އެ ސެންޓަރުން އަބަދުވެސް މޮބައިލް ޓްރެއިނިންގ ޓީމްތައް އެކުވެރި ބޭރު ޤައުމުތަކަށް ފޮނުވައެވެ. މި އިންސްޓިޓިއުޓަކީ ސެންޓަރ އޮފް އެކްސެލެންސް އަދި ރިޕޮޒިޓަރީ އޮފް އެކްސްޕީރިއަންސް އެންޑް ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރިއަރަމުން އަންނަ އިންސްޓިޓިއުޓެކެވެ. ޖޯން ލެނޮން މަޝްހޫރުކޮށް ކިޔާފައި ވަނީ "ގިވް ޕީސް އަ ޗާންސް" އެވެ. މި ނޫ ކުލައިގެ ސިފައިން އެކަން 24 ކުރަނީ ދުނިޔޭގެ ސުލްހައަށްޓަކައިއެވެ.ސުލްހައަށް ފުރުސަތު ދިނުމުގެ މަސައްކަތުގައި އިންޑިއާގެ ބްލޫ ހެލްމެޓްސް