އާބަން އައިލްގެ ކޮމާޝަލް ސްޕައިން ތަރައްގީކުރުމަށް ޗައިނާގެ ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ގްރޫޕާއިއެކު އެޗްޑީސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ކޮމާޝަލް ސްޕައިންއަކީ ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރެވެމުންދާ އާބަން އައިލްގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަކުރެވިފައިވާ އިމާރާތްތަކެވެ. އެގޮތުން އެ އޭރިއާގައި ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް އެ ސްޕައިން މެދުވެރިކޮށް ލިބިގެންދާނެއެވެ.

ކޮމާޝަލް ސްޕައިންގެ އެ މަޝްރޫއަށް ޖުމްލަކޮށް 50 މިލިއަން ޑޮލަރު ހޭދަވެގެންދާނެއެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން ހެދޭ ހަތް އިމަރާތް ވާނީ ގުޅިފައެވެ. އެއީ ކޮމާޝަލް 6 އިމާރާތަކާއި 1 ސަޕޯޓިން ހިދުމަތްތައް ދިނުމަށް ހަދާ އިމާރާތެވެ. އެ ތަންތަނުން ރީޓެއިލް ފިހާރަތަކާއި ވެލްނެސް އަދި އެންޓަޓެއިންމެންޓްގެ ހިދުމަތްތަކުގެ އިތުރުން، ބޭންކިން ފަދަ އިތުރު ތަފާތު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެ އިމާރާތްތަކަށް ސްޕައިންގެ ނަމުން ނަންދެވިފައިވަނީ އެ އިމާރާތްތައް ގުޅާލެވިފައިވާތީއެވެ.

އެ ސްޕައިން ހެދިގެން ދާނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައި 3-4 ފްލޯއަށެވެ. އަދި އެ ސްޕައިން ވެގެންދާނީ މާލެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝިއަލް ޒޯނަށެވެ.

އެ ސްޕައިން ތަރައްގީކުރެވުމުގެ ސަބަބުން ތަފާތު ގިނަގުނަ ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ. އެއާއެކު މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭ އެ ސަރަހައްދުގައި ގެސްޓްހައުސް ޓޫރިޒްމަ ފުޅާވެގެންދާނެއެވެ. އަދި އެ ސަރަހައްދުގެ އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އިމާރާތްތައް ކުއްޔަށް ހިފުމުގެ ފުރުސަތު ދެވިގެންދާނެއެވެ.