"އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން އިންޑިއާއާ މެދު އުފެދުނު ނަފްރަތު އަލިފާނަށް ބަދަލުވާކަށް ގިނަ ދުވަހެއް ނުނެގި އެވެ. ކުރީގެ ސަރުކާރުގައި އިދިކޮޅުގައި ތިބެގެން ޕީޕީއެމާއި ޕީއެންސީގެ ބޭފުޅުން ފެށި އެ ހަރަކާތުގެ އަސަރުތައް އެ ބޭފުޅުން ވެރިކަމަށް އައުމަށްފަހު ވެސް ކުރިއަށް ގެންދަން ފެށުމުގެ ނަތީޖާ މިފަހަރު ދިޔައީ ގޯހުން ގޯހަށެވެ.
އިންޑިއާގެ ލަކްޝްދީބުގައި ޓޫރިޒަމް ޕްރޮމޯޓްކުރަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފެށްޓެވި ހަރަކާތާއެކު ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި މޯދީ އާއި އިންޑިއާއަށް ނިސްބަތްކޮށް ޒާތީގޮތުން ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކުގެ ސަބަބުން ދެ ގައުމުގެ ހާރިޖީ ބޮޑު މައްސަލަގަނޑަށްވީ އެވެ.
އަދި އިންޑިއާގެ މަޝްހޫރު ފިލްމީތަރިން ވެސް އެ ގައުމުގެ ދިފާއުގައި ނިކުމެ ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލަން ފެށި އެވެ. މިފަހަރު ގިނަ ދިވެހިންނަށް ވެސް ގޯސްވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން އިންޑިއާއަށް ޒާތީގޮތުން ވާހަކަ ދެއްކެވި ދިވެހި އޮފިޝަލުންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ މެދު ދިވެހިންގެ ކަންބޮޑުވުން އޮތް ނަމަވެސް އެއީކީ އިންޑިއާގެ ރައްޔިތުންނާއި އަދި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އޮތް ކަމެއް ނޫނެވެ. އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކޮންމެވެސް ސިފައެއްގައި ހިނގަމުން އެބަދެ އެވެ.
އެކަން އެގޮތަށް ހިނގަމުން ދަނިކޮށް ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ މަގާމުގައި ތިއްބެވި ދެތިން ބޭފުޅަކު ސަރުކާރުގެ އެއްވެސް ބަހެއް ނެތި އަދި އެއްވެސް ކަމަކަށް ނުވާ ކަމެއްގައި އިންޑިއާއާ ޒާތީގޮތުން ޖައްސާލުމަކީ އޭގެ ނަތީޖާ ގޯސްވާނެ ކަމެއް ކަން ގަބޫލު ކުރަންޖެހެ އެވެ. އޭގެ ގެއްލުން އޮތީ ވެސް ރާއްޖެއަށެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެންމެ ގައުމަކީ އިންޑިއާ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރިން ވެސް ހިމެނެ އެވެ. އިންޑިއާ އައުޓް ކެމްޕެއިން ހިނގަމުން ދިޔައިރު ބޮލީވުޑްގެ ތަރިން އެކަމުގެ ތެރެއަކަށް ނުވަދެ އެވެ.
ނަމަވެސް މިފަހަރު އެ މީހުން ވެސް އިންޑިއާގެ ދިފާއުގައި ތެދުވުމަކީ ރާއްޖެއަށް ނުރައްކަލުގެ ސިގްނަލެކެވެ. މިކަން ދިވެހި ސަރުކާރުން މިހާރު ގަބޫލުކުރެ އެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ދެ ގައުމުގެ ގުޅުމަށް އަސަރުކުރާ ވާހަކަތައް ދެއްކުން ބަލައިނުގަނެވޭނެ ކަމަށެވެ.
އިދިކޮޅުގައި ތިބޭއިރު ކުރެވޭ ކަންކަމާއި ދެއްކޭ ވާހަކަތައް ދައުލަތުގެ މަގާމުތަކަށް އައުމުން ކޮންމެވެސް މިންވަރަކަށް ބަދަލު ކުރަންޖެހެ އެވެ. ވަކިން ހާއްސަކޮށް ހާރިޖީ ގުޅުންތަކާ ބެހޭ ކަންކަމަކީ ކިރިޔާ ނުކަސިޔާރު ވިޔަސް ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތަކަށް ވެދާނެ ކަންކަމެވެ. އެއީ ކޮންމެ މަގާމެއްގައި ތިއްބަސް ދައުލަތުން މުސާރަ ނަންގަވާނަމަ އެ ތަމްސީލު ކުރެވެނީ ދިވެހި ސަރުކާރު ކަމަށްވާތީ އެވެ. އާދައިގެ ކުދިކުދި ކަންކަމުގެ ސަބަބުން ގައުމުތަކުގެ ގުޅުން ގޯސްވެގެން ސަފީރުން އަނބުރާ ގެންދާ ހިސާބަށް ގޮސްފައިވަނީ އަލަކަށް ނޫނެވެ. ނަމަވެސް މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި މަދު ބޭފުޅުންތަކަކަށް އެކަން ވިސްނާލެވިފައެއް ނެތެވެ.
އިންޑިއާއަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި އޮފިޝަލުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބަޔާންކުރިތާ މާގިނައިރުތަކެއް ނުވަނީސް އެ ފިޔަވަޅު ވަނީ އަޅާފައެވެ. އެކަންކުރި އޮފިޝަލުންތައް ވަނީ ވަޒީފާ އިން ސަސްޕެންޑު ކޮށްފައެވެ.
އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން އިންޑިއާއާ މެދު އުފެދުނު ޒާތީ ނަފްރަތުގެ ނަތީޖާ މިއަދު ދިޔައީ ވަރަށް ހިތިކޮށެވެ. އިސް މަގާމެއްގައި ތިއްބެވި މަދު ދެތިން ބޭފުޅަކު ވަރަށް ޒާތީކޮށް ކުރެއްވި ކަމެއްގެ ހުރިހާ ގެއްލުމެއް މިފަހަރު އޮތީ ރާއްޖެއަށެވެ.