މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ މަދިރި މަދުކުރުމަށް “މަދިރިން ރައްކާ” ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް ފެށުމަށް އާބަންކޯ އިން ނިންމައިފިއެވެ.

އެކުންފުނިން މިއަދު ބުނީ އެ ހަރަކާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް އެކެއްގެ ރިވެލި ޕާކުގައި ކަމަށެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ އެންވައަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހިމްއެވެ. މިއީ އާއްމުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

އާބަންކޯ އިން ބުނީ އެ ހަރަކާތުގެ ދަށުން އެކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދެވޭނީ 15 ޓީމް އަކަށް ބަހާލެވިގެން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށެވެ. ހަމަ މިއާއެކު ސާފުކުރުމުގެ އެ ބޮޑު ހަރަކާތް ކުރިއަށް ދާނީ ހެލްތް މިނިސްޓްރީ އަދި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އާއި ގުޅިގެންނެވެ.

މީގެ އިތުރުން ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމުގެ ގިނަ މަސައްކަތްތަކެއް އާބަންކޯ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފައިވެއެވެ.

އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯސް އެއް އެކުންފުނިން ވަނީ އެކުލަވާލެވިއިފައެވެ. މީގެ އިތުރުން އާބަންކީގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލާ މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިން ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތް ގެންދަނީ ކުރިޔަށެވެ.

ހަމަމިއާއެކު މިކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީހަމަޖެހިފައެވެ. އެ ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެއެވެ.