ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޒުލް ކުރުމާއި ގުޅޭ މާއްދާތަކަށް އާއްމު ކޮމެޓީން ގެނެސްފައިވާ އިސްލާހުތަކަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން ދެކޮޅު ހަދައިފިއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ގާނޫނުއަސާސީގެ 71ވަނަ މާއްދާގައި މަޖިލީހުގެ މެންބަރުން ކަނޑައެޅުމާއި ގުޅޭ ވާހަކަތައް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ ކޮބައިކަން ވެސް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓުންގެ ޕާލިމަންޓްރީ ގްރޫޕުން މަޝްވަރާ ކުރުމަށްފަހު ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދަށް މިހާރު އާއްމު ކޮމެޓީން ގެނެސްފައިވާ އިސްލާހުތަކަކީ ފާސްކުރުން ރަނގަޅު އިސްލާހުތަކެއް ނޫން ކަމަށެވެ.

އެ މައްސަލާގައި ބަހުސް ކުރައްވަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވެސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދާއި މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދު ވަރަށް ސާފުކޮށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ގަވާއިދަކަށް ގެންނަ ބަދަލަކުން އެފަދަ ނިންމުމެއް ނިންމިދާނެ ކަމަށް ދެކުމަކީ ގާނޫނުއަސާސީއާ މުޅިން ތައާރަޒުވުން ކަމަށް އަފީފް ވިދާޅުވިއެވެ.

"އަޅުގަނޑު ކުރިންވެސް ދެންނެވިހެން މި ރައްޔިތުންގެ މަޖިލީހުން ވެސް ކަމެއް ކުރަން ވާނީ ގާނޫނުއަސާސީއާ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް. އެއާ ހިލާފަށް އެއްވެސް ކަމެއް ނުހިންގޭނެ. މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހެއް ވެސް ގެންނަން ޖެހޭނީ ގާނޫނުއަސާސީ ހިލާފު ނުވާ ގޮތެއްގެ މަތީން،" އޭނާ ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވިދާޅުވީ މަޖިލީހުން ގޮތެއް ނިންމާއިރު، އެ ނިންމުން ސައްހަ ވަނީ ކޮންގޮތަކަށްތޯ ބަލަން ޖެހޭ ކަމަށެވެ. އީވާ ވެސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީން ކަމަށް ވިދާޅުވެފައެވެ.

"ކޯރަމްގެ ބޭނުމަކަށްޓަކައި ރައްޔިތުން މަޖިލީހުގެ އަދަދު އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ކޯރަމް ކުޑަ ކުރެވިދާނެ އެހެން ގޮތް ގޮތުން. މިސާލަކަށް މަޖިލިސް ފެށުމުގެ އަދަދަކީ 28އޭ. ނުވަތަ ވޯޓިން އަދަދަކީ މިވެނި އަދަދެކޭ. އެ އަދަދު ބަދަލު ކުރެވިދާނެ. އެކަމަކު މުޅި މަޖިލީހުގެ އަދަދު އަޅުގަނޑުމެންނަށް ބަދަލު ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އީވާ ވިދާޅުވިއެވެ.

މަޖިލިސް ގަވާއިދަށް އާއްމު ކޮމެޓީން ގެނެސްފައިވާ އިސްލާހުގައި މިހާރުވާ ގޮތުންމަޖިލީހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ ވޯޓުން އެކަނި ވެސް ރައީސާއި ނާއިބު ރައީސް އަޒުލް ކުރެވިދާނެއެވެ. އެ އިސްލާހު ހުށަހެޅީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއެވެ.

ޝިފާއު އެ އިސްލާހު ހުށަހެޅީ އައު ސަރުކާރާއެކު މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން އިސްތިއުފާ ދެއްވާ ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ. އައު ސަރުކާރާއެކު މަޖިލީހުގެ ހަތް މެންބަރަކު ވަނީ ސަރުކާރުގެ އެކި މަގާމުތަކަށް ވަޑައިގަތުމަށް މަގާމުން އިސްތިއުފާ ދެއްވަވައިފައެވެ.

އެހެންކަމުން މަޖިލީހުގެ ގާނޫނީ އަދަދަކީ 80 މެންބަރުންގެ ގޮތުގައި ކަނޑައެޅުމަށް ޝިފާއު ވަނީ ހުށަހަޅައިފައެވެ. އެހެންކަމުން އާއްމު ކޮމެޓީގެ އެ ރިޕޯޓު ފާސްވެއްޖެ ނަމަ މިހާރު ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް ރައީސާއި ނާއިބު ރައީސް އަޒުލް ކުރެވިދާނެއެވެ.