އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވީ ނަމަވެސް ރާއްޖެ އަށް ފިޔާ ލިބުމަށް ދަތިވާނެ އެއްވެސް ފިޔަވަޅެއް އެގައުމުން އަޅާފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވާތީ ބާޒާރުގައި ފިޔާގެ އަގު ވަނީ ދެގުނަ އުފުލިފައެވެ. އެގޮތުން މިހާރު ފިޔާ ބަސްތާއެއްގެ އަގު ގާތްގަނޑަކަށް އުޅެނީ 500 ރުފިޔާ އިން ފެށިގެން 800 ރުފިޔާއާ ދެމެދުގައެވެ. ފިޔާ ކިލޯއެއްގެ އަގު ހުރީ 30 ރުފިޔާ އިން ފެށިގެން 40 ރުފިޔާއާ ދެމެދުގައެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑު ކުރަމުން އަންނާތީ އާއްމު ފަރާތްތަކުން އެ މިނިސްޓްރީގައި ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.
މޫސުމީ ގޮތުން އިންޑިއާ އަށް ކުރިމަތިވެފައިވާ ހާލަތާއި ގުޅިގެން ބައެއް ގައުމުތަކަށް ފިޔާ އެކްސްޕޯޓު ކުރުން އެގައުމުން މަޑު ޖައްސާލާފައިވީ ނަމަވެސް ރާއްޖެ އަށް ފިޔާ އެތެރެ ކުރުން ނުވަތަ ރާއްޖެ އަށް ފިޔާ ލިބުން ދަތިވާ އެއްވެސް ފިޔަވަޅެއް އެގައުމަށް އަޅާފައި ނުވާ ކަމަށް އެ މިނިސްޓްރީން މިހާތަނަށް ބެލި ބެލުންތަކުން އެނގޭ ކަމަށް ބަޔާނުގައިވެއެވެ.
އަދި ރާއްޖެ އަށް ފިޔާ އިމްޕޯޓު ކުރާ ފަރާތްތަކާއި މަޝްވަރާ ކުރެވުމުން އެއްވެސް ދަތި ކަމެއް ނެތި ރާއްޖެ އަށް ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން އެފަރާތްތަކުން އަރުވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެ މިނިސްޓްރީން ބުނީ ތަފާތު އެ ވިޔަފާރިއަކުން ބެލި ބެލުންތަކުން އެނގުނު ގޮތުގައި 23 ނޮވެމްބަރު 2023 އިން ފެށިގެން މިއަދުގެ [10 ޑިސެމްބަރު 2023] ނިޔަލަށް ބާޒާރުގައި ފިޔާގެ އަގު 20 އާއި 50 ޕަސެންޓާއި ދެމެދު ވަނީ އުފުލިފައެވެ.
ބަޔާނުގައި ބުނީ ފިޔާގެ އިތުރުން އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ އެތެރެ ކުރުމަށް އެއްވެސް ދައްޗެއް ނެތްކަން ފާހަގަކޮށްފައެވެ. އަދި އެފަދަ އެއްވެސް ދައްޗެއް ކުރިމަތިވެއްޖެ ނަމަ އެކަމަށް ސަރުކާރުން ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން އެ މިނިސްޓްރީން ވަނީ ދީފައެވެ. އެހެންކަމުން އާއްމުންނަށް ދަތިވާނެ ގޮތަށް ފިޔާގެ އަގު ބާޒާރުގައި މަތި ނުކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
އެކްސްގައި އިއްޔެ އިކޮނޮމިކް މިނިސްޓަރު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސައީދުގެ ޕޯސްޓުގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިނު ދުވަސްވަރުން ފެށިގެން ރަސްމީކޮށް މަސައްކަތާއި ހަވާލުމަށްފަހުވެސް ބައްލަވަމުން އައީ ކާބޯތަކެތީގެ ޔަގީންކަން ނުވަތަ ފުޑް ސެކިއުރިޓީ ގާއިމްކުރުން ކަމަށެވެ.