އާއްމު ގޮތެއްގައި ސަރުކާރުގެ އެކި ކުންފުނިތަކުން ބާއްވާ ރަސްމިއްޔާތުތަކާއި ތަފާތު އެކި ހަފްލާތައް ފެށުމުގެ ގޮތުން ގުރުއާން ކިޔަވަނީ އެ ކުންފުންޏެއްގެ ކޮންމެވެސް މުވައްޒަފެކެވެ. އެހެންނަމަވެސް މިއަދު މޯލްޑިވް ގޭހުން ބޭއްވި އެކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރަށް މަރުހަބާ ދެންނެވުމުގެ ހަފްލާގައި ގުރުއާން ކިޔަވާ ވިދާޅުވީ ކުންފުނީގެ އެމްޑީ އަކަށް ހަމަޖައްސަވާފައިވާ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އެވެ.
މިއަދު ބޭއްވި ހަފްލާގައި އަބްދުﷲ ގުރުއާން ވިދާޅުވިއިރު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ އޭނާ އަށް އެކަމުގައި ތައުރީފު ކުރަމުންނެވެ. އެގޮތުން އެފަދަ މަންޒަރުތަކަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރުތަކެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.
އަބްދުﷲ އަކީ ސިޔާސީ މަސައްކަތަށް ނިކުންނެވުމުގެ ކުރިން މާލޭގެ ބައެއް ސްކޫލުތަކުގައި އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މީގެކުރިން އިސްކަންދަރު ސްކޫލުގެ ގްރޭޑު ހައެއްގެ ދަރިވަރުންނަށް އިސްލާމް ކިޔަވައި ދެއްވައިފައެވެ.
މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު އަބްދުﷲ ވަނީ މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުކަން ވެސް ކުރައްވާފައެވެ. އެގޮތުން އޭނާ އިމާމުކަން ކުރެއްވި ބައެއް މިސްކިތްތަކުގެ ތެރޭގައި މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ހިމެނެއެވެ.
ސިޔާސީ މަސައްކަތަށް އަބްދުﷲ ނިކުންނެވީ 2011ވަނަ އަހަރު ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު މާލޭގައި ބޭއްވި އެއްވުން އިންތިޒާމުކުރި "މަދަނީ އިއްތިހާދު"ގެ ތެރެއިންނެވެ. އޭގެފަހުން އޭނާ އުޅުއްވަނީ ސިޔާސީ މަސައްކަތުގައެވެ. މީގެކުރިން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް އަބްދުﷲ ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މަގާމުތައް ފުރުއްވާފައެވެ.
އަބްދުﷲ އަށް މަރުހަބާ ދެންނެވުމަށް މޯލްޑިވް ގޭހުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އޭނާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ އަދި ގައުމީ ތަސައްވުރެއް އެބައޮތް ކަމަށާއި އެއީކީ ވަކި ބަޔަކަށް އޮތް ތަސައްވުރެއް ނޫން ކަމަށް ވިދާޅުވެފައެވެ.
"އެހެންވީމަ އެ ތަސައްވަރު ފުރިހަމަ ކޮށްދިނުމުގައި މޯލްޑިވް ގޭސް ވެގެން މިދިޔައީ ފުތަރަމަ އިސްނެގި ކުންފުންޏަށް. އެހެންވީމަ، އަޅުގަނޑު އެދެނީ ކޮންމެ ދުވަހަކު ވެސް މޯލްޑިވް ގޭސްގެ މަސައްކަތް ކުރާ ހުރިހާ ތަނެއްގައި ވެސް މަސައްކަތް ފަށާއިރު، ކީރިތި ގުރުއާންގެ ބަރަކާތުން، އަދި އެއަށް ފަހު ގައުމީ ސަލާމުން މަސައްކަތް ފެށިގެން ދިއުން،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކުންފުންޏަކީ ހެޔޮ އަގުގައި ރައްޔިތުންނަށް ހިދުމަތް ދެވޭ ކުންފުންޏަކަށް ހެދުމަކީ ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރެއް ކަމަށާއި އެކަންކަން ކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް މުސްތަގުބަލުގައި ރޭވިފައިވާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.