ގދ. ތިނަދޫގައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް ކޮށްފައިވާ އިސްލާމިކް މަރުކަޒު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާ ހަވާލުކޮށްފިއެވެ.

މި ނިންމުމަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މަގާމު ދެއްވިތާ މާގިނަ ވަގުތުތަކެއް ނުވަނީސް އެމަނިކުފާނު ނިންމެވި ނިންމެވުމެކެވެ. އެގޮތުން މިއަދު މިވަނީ އެކަމުގެ އަމަލީ މަސައްކަތް ފަށައި، އައިޔޫއެމްއަށް އެ ޔުނިވާސިޓީ ހަވާލު ކޮށްފައެވެ.

އައިޔޫއެމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އައިޔޫއެމްއާ އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝަހީމެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޗައިސް ޗާންސެލަރު އަލީ ޒާހިރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މިއަދު ގާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން ތިނަދޫ އިސްލާމިކް މަރުކަޒުގައި އައިޔޫއެމްގެ ކޯސްތައް ހިންގޭނެ ފަސޭހަ ގޮތްތަކެއް މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ. މިހާރުވެސް ތިނަދޫގައި ކިޔަވައި ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔަ ނަމަވެސް އައިޔޫއެމްގެ އަމިއްލަ ތަނެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިއަދުގެ އެއްބަސްވުމުގެ ދަށުން އެ ދަތިތައް ވެސް ފިލައިގެން ދާނެ،" އަލީ ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި އައިޔޫއެމްގެ ކޯސްތައް ފެށުމަށް ފަހިވެގެން ދާނެ ކަމަށެވެ. އައިޔޫއެމްގެ ހަރުދަނާކޮށް އެ ޔުނިވާސިޓީ އިތުރަށް ފުޅާކޮށް އައު އިމާރާތެއް އެ ޔުނިވާސިޓީ އަށް ހޯދައި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވާހަކަދައްކަވަނީ: ފޮޓޯ | އިސްލާމިކް މިނިސްޓްރީ

"އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މި މަސައްކަތް އަޅުގަނޑުމެން ކުރިޔަށް މި ގެންދަނީ. ރައީސް ޑރ. މުއިއްޒު ވަނީ އިރުޝާދު ދެއްވާފައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ގޮތްޕެއް ނުވަތަ މި ޔުނިވާސިޓީގެ ކޯސްތައް ދެކުނުގެ ރަށްތަކަށް ފަށައިގެން ރަނގަޅު ގޮތުގައި ކުރިޔަށް ގެންދެވޭނެ މަގުފަހި ކޮށްދެއްވުމަށް،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އައިޔޫއެމްގެ ގޮތްޕެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޝަހީމް ވަނީ އައިޔޫއެމް އަކީ ރާއްޖޭގެ އިސްލާމީ ރިސާލަތު ފެތުރުމުގައި މުހިއްމު ތަނެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.