ކުރީ ސަރުކާރުން ހެރިޓޭޖު މިނިސްޓްރީގެ ދަށުން ހިންގަމުން އައި ގައުމީ ކުތުބާހާނާގެ ހިންގުން ޔޫތު މިނިސްޓްރީގެ ދަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން އާއްމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި 38 ކަމެއް ހިމަނާފައިވެއެވެ. އޭގެތެރެއިން ގައުމީ ކުތުބާހާނާ ހިންގުން އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރުން ހިމެނެއެވެ.

ކުތުބާހާނާ އިން ކުރާނެ މަސައްކަތްތައް ވެސް ބަޔާން ކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ތަފާތު ފަންނުތަކުގެ އިލްމީ ފޮތްތަކާއި، އަދި އެނޫންވެސް މައުލޫމާތު ލިބޭނެ ތަކެތި އެއްކޮށް، އާންމުންނަށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމާއި، ދިވެހި މުޖުތަމައު ކިޔުންތެރިކަމަށް ޝައުގުވެރިކުރުމާއި، ކިޔުންތެރިކަން ކުރިއަރުވައި ތަރައްގީކޮށް އުނގަންނައިދިނުމަށް ބޭނުންވާ މައުލޫމާތު ހޯދައިދީ، އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

މީގެއިތުރުން ރާއްޖޭގައި ޝާއިއުކުރާ ހުރިހާ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެއްޗާއި ރާއްޖޭން ބޭރުގައި ދިވެހިން ޝާއިއުކޮށްގެން ނެރޭ ރާއްޖެއާބެހޭ ނޫސް، މަޖައްލާ، ފޮތްފަދަ ތަކެތި އެއްކޮށް އެތަކެތީގެ އަސްލުތައް ރައްކާތެރިކޮށް ބޭނުންވާ ފަރާތްތަކަށް އެތަކެތި ބެލޭނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް ކުތުބާހާނާގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކުތުބާހާނާގެ ޒިންމާގެ ތެރޭގައި ސަރުކާރާއި އާންމު ފަރާތްތަކުން ރާއްޖޭގައި ހިންގާ ޕަބްލިކް ލައިބްރަރީތައް ހިންގާނެ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ޕަބްލިކް ލައިބްރަރީތައް ރަޖިސްޓަރީކުރުން ވެސް ހިމެނެއެވެ.

ޔޫތު މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ބައެއް އިތުރު ކަންކަން:

- ދިވެހި ޒުވާނުންގެ މެދުގައި ދީނަށް ލޯބިކުރުމާއި އަހުލާގީ ރިވެތި ސިފަތައް އާލާކުރުވުމާއި، ގައުމީ ރޫޙާއި މުޖުތަމައުގެ މަސްލަހަތު ކުރިއެރުވުމުގެ ސަގާފަތް އަށަގަންނުވައި ހަރުދަނާކުރުމަށް މަސައްކަތްކުރުން

- އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމެއް ހޯދުމަށް ޒުވާނުންނަށް ބާރުއަޅައި، ޒުވާނުންނަށް އިގްތިސޯދީ ގޮތުން ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.

- ޒުވާނުންނަށް ހާއްސަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، އެފަދަ ހަރާކަތްތައް އިންތިޒާމުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.

- ޒުވާނުންނާ ގުޅޭ މުނާސަބަތުތައް ގައުމީ ފެންވަރުގައި ފާހަގަކުރުން.