އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތުގައި 447 ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގައި ޝަހީދުވި 1417 މީހުންގެ ތެރޭގައި 447 ކުޑަކުދިންނާއި 248 އަންހެނުން ހިމެނޭ ކަމަށެވެ. އަދި 6000 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ސޯޝަލް މީޑިއާގައި އާއްމުކޮށްފައި ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާއަށް ފަހު، ގައްޒާއަށް މިހާތަނަށް 4،000 ޓަނުގެ 6،000 ބޮން ވައްޓާލާފައިވާ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން ޝަހީދުވެފައިވާ މީހުންނާ ޒަހަމްވި މީހުންނާއެކު ގާޒާގެ ހޮސްޕިޓަލްތައް ވަނީ ފުރާލާފައެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކިދްރާ ވިދާޅުވީ ގާޒާ އަށް ތެޔޮ ފޯރުކޮށް ދިނުމަށް އިޒްރޭލުން ހުރަސް އެޅުމުގެ ސަބަބުން އަޅުގަނޑުމެންގެ ބޭސްފަރުވާގެ ހިދުމަތަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އަވަހަށް ކަރަންޓު ނުލިބިއްޖެނަމަ ހޮސްޕިޓަލްތަކުގައި ތިބި އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

އދ.ގެ އިންސާނީ އެހީދޭ އިދާރާ އޯސީއެޗްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާޒާގެ އެކި ސަރަހައްދުތަކުގައި މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ބުދަ ދުވަހުގެ ރޭގެ ނިޔަލަށް ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު 338،934 އަށް އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.