ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ކުންފުނި ކަމަށްވާ އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާގެ އުފެއްދުންތަކެއް ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، އަދި ރާއްޖޭގެ ލީޑިން މެޑިކަލް ސަޕްލަޔާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަނުން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
އެ ކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ.
އެ ރަސްމިއްޔާތުގައި އެސްޓީއޯ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސައީދު އާއި އެސްޓްރަޒެނިކާގެ ބިޒްނަސް މެނޭޖަރު އަބިޝެކް ކައުޝިކް ގެ އިތުރުން ރާއްޖޭގެ ސިއްހީ ހިދުމަތުގައި މަސައްކަތްކުރައްވާ ފާހަގަކޮއްލެވޭ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެސްޓްރަޒެނިކާގެ މި އުފެއްދުންތައް އެސްޓީއޯއިން ފޯރުކޮށްދެމުންދާނީ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރުގެ ގޮތުގައެވެ.
މިއާއެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ހަރަދު ކުޑަކޮށް ބޭސް އެތެރެކުރެވި، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަގީންކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ބާރު ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
"އެސްޓީއޯއިން އަބަދުވެސް ކަށަވަރުކުރާ އެއްކަމަކީ ރާއްޖެ އެތެރެކުރެވޭ ބޭސް ތަކަކީ ފެންވަރު ރަނގަޅު ބޭސްތަކަކަށްވުން ކަމަށްވާއިރު، އެސްޓްރަޒެނިކާ ފަދަ ކުންފުންޏެއްގެ އުފެއްދުންތައް ލިބޭނެ މަގު ހޯދުން ވެގެންދާނީ އެސްޓީއޯއިން ފޯރުކޮށްދޭ ބޭހާމެދު ރައްޔިތުންގެ އިތުބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަކަށެވެ." އެކުންފުނިން ބުންޏެވެ.
އެސްޓްރަޒެނީކާ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށް ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.
މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ބޭސްތައްވެސް ހިމެނެއެވެ.
އެސްޓްރަޒެނީކާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ބޭސް ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކާއި، އެސްޓީއޯގެ އަމާޒުތަކައް ވާސިލްވުމަށް އިތުކުރިއެރުންތައް ގެނުވައިދެވޭނެ ކަމަށް އެސްޓީއޯ އިން ހާމަކުރެއެވެ.
އެސްޓީއޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.
އެގޮތަށް ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެ ކުރުން ވެގެންދާނީ ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިޚުތިޔާރު ކުރާނެ ދާއިރާ ފުޅާވެ ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މިއީ ދިވެހިންގެ އާންމު ސިއްހަތާއި ދިރިއުޅުމަށް ލިބިގެން އަންނަ އިތުރު ކުރިއެރުމެއް ކަމަށް އެކުންފުނިން ބުންޏެވެ.
އެ ރަސްމިއއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ އެސްޓްރަޒެނިކާގެ ނަމަކީ ކޮވިޑްގެ ތެރޭގައި މީހުންގެ ސިކުނޑީގައި އެ ނަމެއް ހަރުލި، އިތުބާރު އޮތް ބްރޭންޑެއްކަމަށެވެ.
އަދި މީގެ އިތުރުން އެސްޓީއޯއިން އަންނަނީ މިހާރުވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ސިއްހީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާއެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުން ކަމަށެވެ.
މިއީ ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބިގެން އަންނަ ފާހަގަ ކޮށްލެވޭ ކުރިއެރުމެއް ކަމަށާއި މި ކުރިއެރުމާއެކު އާންމުން ބޭނުން ކުރަމުން އަންނަ ބޭހުގެ ފެންވަރު ރަނގަޅުވެ، ބޭސް ލިބުމުގެ ދަތިތަކަށް ބޮޑު ހައްލެއްލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.