ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތުރާ، ޝާހީ މައާފަށް އެދިވަޑައިގެންފިއެވެ.

ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްްވި ތަކްސީން، 2006 ވަނަ އަހަރުގެ މަގާމުން ދުރުކުރެއްވީ އަސްކަރީ ބަގާވާތަކުންނެވެ.

އޭގެ ފަހުން އަމިއްލައިން އަރުވާލައިގެން ގައުމުން ބޭރުގައި 15 ދިރިއުޅުއްވި އުމުރުން 74 އަހަރުގެ ތަކްސީން މިދިޔަ ހަފުތާގައި ގައުމަށްވަޑައިގަތުމާއެކު ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.

އަސްކަރިއްޔާއަށް ތާއީދުކުރާ ގިނަ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށްފަހު، ތަކްސީންގެ ފީއު ތައި ޕާޓީ އަލުން ވެރިކަމަށް އައުމާ ގުޅިގެން، އޭނާ ޖަލުގައި ހޭދަވާ ވަގުތު ކުޑަކުރުމުގެ އެއްބަސްވުމެއް އެކުލަވާލި ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

ޖަސްޓިސް މިނިސްޓަރު ވިއްސަނު ކްރީ-އެންގަމް ވިދާޅުވީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާ ތަންފީޒު ކުރައްވަމުން ގެންދަވާ އަށް އަހަރުގެ ޖަލު ހުކުމުން މައާފަށް އެދި ތަކްސިން ހުށަހެޅުއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް [ރިކުއެސްޓް] ލިބިއްޖެ، ބާކީ އޮތީ އިޖުރާއަތުތަކާ އެއްގޮތަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިއްސަނު ވިދާޅުވިއެވެ.

ޕްރޮސެސް ކުރާނީ ކިހާ އިރަކުތޯ ސުވާލު ކުރުމުން ވިދާޅުވީ އެއީ މުޅިން ވެސް ޝާހީ އާއިލާގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. ސަރުކާރުގެ އިޖުރާއަތު މާ ދިގު ނޫން ނަމަވެސް އެކަން ބިނާވަނީ (ރަސްގެފާނުގެ) ވިސްނުމުގެ މައްޗަށެވެ.