އިންޑިއާގެ އުތުރުއިރުމަތީ ސަރަހައްދުގައި ހަދަމުން ދިޔަ ރޭލްވޭ ބްރިޖެއް ވެއްޓި 26 މީހުން މަރުވެ، އިތުރު ބަޔަކު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިޒޯރަމް ސްޓޭޓްގެ ސައިރަންގް އަވަށުގެ ކައިރީގައެވެ.

ބްރިޖުގެ ބައެއް ވެއްޓުނު އިރު އެތަނުގައި 40 ވަރަކަށް މަސައްކަތްތެރިން ތިބި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާއިރު ރޭލްވޭ އޮތޯރިޓީން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ. މިހާތަނަށް ތިން މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

އޭގެ ތެރޭގައި ބްރިޖުގެ 100 މީޓަރު އުސް ތަނބުގެ މަތިން ތިރިއަށް ގެންނަން ޖެހުނު ޒަހަމްވި މަސައްކަތްތެރިއަކު ވެސް ހިމެނެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިޒޯރަމްގެ ވެރިރަށް އައިޒޯލް ސިޓީއާ ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުރުންގް ކޯރުގެ މަތިންނެވެ.

"ހާލުގައި ޖެހުނު މީހުންނަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދަނީ ދެމުން،" ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި މަރުވި މީހުންގެ ގާތް ތިމާގެ މީހުންނަށް ސަރުކާރުން ގާތްގަނޑަކަށް ދެ ލައްކަ ރުޕީސް 2،400 ޑޮލަރު) ދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި ހާދިސާގައި މަރުވި އެންމެންނަކީ ވެސްޓް ބެންގާލްއަށް ނިސްބަތްވާ މީހުން ކަމަށް ރޭލްވޭގެ އޮފިޝަލުން ބުނެއެވެ.

"މި ހިތާމަވެރި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް ހިތާމައާއި ހަމްދަރުދީގެ ފުންމިނެއް ބަހަކުން ހާމައެއް ނުކުރެވޭނެ،" މިޒޯރަމްގެ ހޯމް މިނިސްޓަރު ލާލްޗަމްލިއާނާ ވިދާޅުވި އވެ.

ޚަމްރަންގް-ސިހްމުއީ ރޭލްވޭ ލައިންގެ ދިގުމިނުގައި 51 ކިލޯމީޓަރު ހުންނާނެއެވެ. މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން މަސައްކަތް ފެށުމަށްފަހު ޑިސެމްބަރު މަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި ޕެޑެސްޓްރިއަން ސަސްޕެންޝަން ބްރިޖެއް ވެއްޓި 140 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.