ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ އޭރު ދިވެހިން ދަންނަ އެއްޗެއް ނޫނެވެ. ނަމަވެސް 2001 ވަނަ އަހަރު އޭރުގެ ސަރުކާރާ ދެކޮޅަށް ސަންދާނު ނޫހުގައި ޝާއިއުކުރަން ފެށި ލިޔުންތަކަކީ ރައްޔިތުން އެކަންކަމާ މެދު ވިސްނަން ފެށުނު ހިސާބޭ ބުނެވިދާނެއެވެ. އެ ލިޔުންތައް ލިޔުއްވުމުގައި އިސްކޮށް ހުންނެވި އެކަކީ ސަންދާނު އަހައްމައިދީއެވެ.

ބޯޓު ދަތުރުކުރަން އުޅުއްވިއިރު އަހައްމަދީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތުމެވެ. އެ ހައްގު ހޯދަން އުޅުމަކީ އޭރު މޮޔަ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެވަޑައިގަތަސް އަހައްމައިދީއަށް އެކަން ގަބޫލެއް ނުކުރެއްވުނެވެ. އިތުރު ބަޔަކާ ގުޅިގެން ސަންދާނުގައި އެކި ނަންނަމުގައި ލިޔުންތައް ޝާއިއުކުރަން ފެށްޓެވި އެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަނީ ހައެއްކަ މީހުންވެގެން މުޅި ގައުމަށް ލިބޭ އެއްޗެހި ބޭނުންކޮށްލާފައި ދިވެހިންނަށް މި ލިބެނީ ލަނޑު. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުލުގެ މިނިވަންކަމާއި ގަލަމުގެ މިނިވަންކަން އޮންނަން ޖެހޭނެ. މިއީ އިންސާނީ ހައްގެއް." ދި ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސަންދާނު އަހައްމައިދީ ވިދާޅުވެފައިވެއެވެ.

ނަމަވެސް ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ޝާއިއުކުރި އެ ލިޔުންތަކުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށް އޭނާ ވެވަޑައިގަތުމަށް ލަސްތަކެއް ނުވިއެވެ. ސަންދާނުގެ ލިޔުންތެރިން ހޯދަން 2002 ވަނަ އަހަރު ސިފައިން ހިންގި ވަރުގަދަ އޮޕަރޭޝަނާއެކު ސްރީލަންކާގައި ހުންނަވަނިކޮށް ސަންދާނު އަހައްމައިދީ ހައްޔަރުކޮށް ރާއްޖެ ފޮނުވާލިއެވެ.

ސަންދާނު އަހައްމައިދީ ނެރުއްވަން ފެއްޓެވި ސަންދާނު މަޖައްލާގައި "ކަޅު ހުކުރު"ގެ ވާހަކަ

ސަންދާނުގެ އެހެން ލިޔުންތެރިން ކަމަށްވާ ނަޒާކީ ޒަކީ އާއި އިބްރާހިމް ލުތުފީ ފަދަ ބޭފުޅުން ރާއްޖެއިން ހައްޔަރުކޮށްފިއެވެ. ސަންދާނު އަހައްމައިދީ ވެސް ހިމެނޭހެން ތިން ބޭފުޅުންގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޝަރީއަތްކޮށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް 2004 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ޖުމްހޫރީ މައިދާނަށް އެއްވިއިރު އަހައްމައިދީ ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އެ ދުވަހު ވެސް އޭނާ އެތަނަށް ވަޑައިގަތެވެ. ފަހުން އަފޫ އާންމެއްގެ ދަށުން އޭނާ މިނިވަންވެ ވަޑައިގަތެވެ. މައުމޫން އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާއާ އެކު އެމަނިކުފާނަށް ޝުކުރު އަދާކުރައްވައި ދިގު ސިޓީފުޅެއް ލިޔުއްވި އެވެ.

އަހައްމައިދީ އެނބުރި ސިޔާސީ ހަރަކާތްތަކަށް ވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ފެށުނު ހަރަކާތްތަކުގެ ތެރެއިންނެވެ. އެ ހަރަކާތްތަކުގެ ތެރެއިން ސަރުކާރާ މެދު ދޮގު ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ 2012 ވަނަ އަހަރު ދެތިން ހަތަރު ފަހަރު ހައްޔަރު ކުރި ނަމަވެސް ވަރަށް އަވަހަށް ކޯޓުން އޭނާ ދޫކޮށްލި އެވެ.

ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު ރައީސްގެ ޚާއްސަ އެޑްވައިޒަރެއްގެ މަގާމަށް އައްޔަން ކުރެއްވިއެވެ. ނަމަވެސް ސިޔާސީ ހަރަކާތްތަކުން ފަހުން އެއް ފަރާތްވެ ވަޑައިގަތެވެ. އުމުރުން 72 އަހަރުފުޅުގައި އޭނާ މިއަދު ނިޔާވި ނަމަވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދިނުމުގައި ވެވަޑައިގަތް ގުރުބާނީ ދިވެހިންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ.