ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ޝާހް މަހްމޫދު ގުރައިޝީ އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އެއީ ކުރިއަށް އޮތް އިންތިހާބު ފަސްކުރުމާ ދެކޮޅު ހެދުމުގެ ގޮތުން ގާނޫނީ ނިޒާމުގެ ބޭނުން ހިފާނެ ކަމަށް ވިދާޅުވިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
ޝާހް ހައްޔަރުކުރިކަން އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފުން ވަނީ ބައިނަލްއަގްވާމީ ނޫސްތަކަށް ޔަގީންކޮށް ދީފައެވެ.
އެ ޕާޓީގެ ތަރުޖަމާނު ޒުލްފީ ބުހާރީ ރޮއިޓާސް އަށް ވިދާޅުވީ ޕާކިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރުކަންވެސް ކުރެއްވި ޝާހު ބަންދުގައި ބަހައްޓަން ޖެހުނު ވަކި ސަބަބެއް އަދި ސާފެއް ނުވާ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވަގުތީ އިންފޮމޭޝަން މިނިސްޓްރީން އެއްޗެއް ބުނެފައެއް ނުވެއެވެ.
ބުހާރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހު ހައްޔަރުކުރީ ޕްރެސް ކޮންފަރެންސެއް ބާއްވައި ޕާކިސްތާނުގައި މިހާރު ހިނގަމުންދާ އަނިޔާވެރިކަމާއި އިންތިހާބު އޮޅުވާލުމާ ދެކޮޅަށް ޕީޓީއައިގެ "ސްޓޭންޑް" އަލުން ކަށަވަރު ކޮށްދިނުމުން ކަމަށެވެ.
ޕީޓީއައި ޕާޓީގެ ޗެއާމަން އިމްރާން ހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ކުށް ސާބިތުވެ ތިން އަހަރަށް ޖަލަށްލާފައިވާއިރު، އޭނާ އަށް ފަސް އަހަރު ވަންދެން އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެއެވެ. އިމްރާން އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައި، 2022 ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓަކުން މަގާމުން ދުރުކުރެވެންދެން ބޮޑުވަޒީރުކަން ކުރެއްވިއެވެ.
މިދިޔަ ހަފުތާގައި ޕާލަމެންޓް އުވާލައި، 90 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ނިންމި ނަމަވެސް ދުސްތޫރީ، ސިޔާސީ އަދި އިގްތިސާދީ ކާރިސާތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އިންތިހާބު ބޭއްވިދާނެ ކަމާއި މެދު ޝައްކު އުފެދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ކުރިން އާ ދާއިރާތައް ފައިނަލް ކުރާނެ ކަމަށެވެ. އެއަށްފަހު އެ ކޮމިޝަނުން އިންތިހާބު ބާއްވާނެ ތާރީހެއް ކަށަވަރު ކުރާނެއެވެ.
އިންތިހާބީ މާހިރުން ލަފާ ދެއްވާ ގޮތުގައި، ފެބްރުއަރީ މަހާ ހަމަޔަށް ވޯޓުލުން ފަސްކުރެވިދާނެއެވެ.
އިމްރާން ހައްޔަރުކުރުމާ ގުޅިގެން ޕާކިސްތާން ތަހްރީކޭ އިންސާފްގައި އިސްކޮށް ހަރަކާތްތެރިވާ ޝާހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ 90 ދުވަހުގެ ސުންގަޑިއާ ހިލާފުވެއްޖެ ނަމަ އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި