މިދިޔަ ހަފްތާ ތެރޭގައި އެމެރިކާގެ ހަވާއީ ސްޓޭޓްގެ މައުއީގެ ރިސޯޓު އަވަށެއް ކަމަށްވާ ލަހައިނާގައި ރޯވި އަލިފާންގަނޑު މީހުން ދިރިއުޅޭ ހިސާބަށް ފެތުރި ގެތައް އެނދި ހާދިސާގައި މަރުވި މީހުންގެ އަދަދު 106 އަރާނެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ސާޗް އެންޑް ރެސްކިއު ޓީމުތަކުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު، މައުއީ ކައުންޓީ އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިވަގުތަށް އިތުރުން ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އަދި އެއީ ކޮންބައެއްކަންވެސް ދެނެގަނެވިފައިވާ ކަމަށެވެ.

އެ މީހުން އާއިލާއަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ. "މިހާތަނަށް 106 މީހެއްގެ ހަށިގަނޑު ފެނިފައިވީ ނަމަވެސް އެއީ ކޮން ބައެއްކަން ދެނެގަންނަން އެބަޖެހޭ" ކައުންޓީން ނެރުނު ބަޔާނުގައި ބުންޏެވެ.

ހަވާއީ ސްޓޭޓްގެ ގަވަރުނަރު ޖޯޝް ގްރީން ވަނީ މަރުވި މީހުންގެ އަދަދު ބޮޑަށް އިތުރުވާނެ ކަމަށް ލަފާކޮށްފައެވެ. މިއީ ފާއިތުވި 100 އަހަރު ތެރޭގައި އެމެރިކާގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސް އިން ވަނީ ކޮރޯނަރުންނާއި ޕެތޮލޮޖިސްޓުންނާއި ޓެކްނީޝަނުން ފަދަ ތަޖުރިބާކާރުންގެ ގްރޫޕަކާއި ތަހުލީލުކުރުމަށް ހާއްސަ އެކްސްރޭ މެޝިނާއި އެހެނިހެން ވަސީލަތްތައް ފޮނުވައިގެން މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް ފަށާފައެވެ.

އޮފިޝަލުން ވިދާޅުވީ ގެއްލުނު ކަމަށް ރިޕޯޓުކުރި 41 މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަލިފާންގަނޑުގެ ބާރުގަދަކަމުން ގިނަ ހަށިގަނޑުތައް ދެނެގަނެވޭ ވަރަށްވުރެ ބޮޑަށް ވަނީ އަނދާފައެވެ. ގްރީން ބުނީ އެއީ ކޮންބައެއްކަން ދެނެގަތުން އުނދަގޫ މަސައްކަތަކަށް ވާނެ ކަމަށެވެ.

ކައުންޓީން ބުނީ މަރުވި މީހުންގެ ތެރޭގައި ރޮބަޓް ޑައިކްމަން، 74، އާއި ބަޑީ ޖަންޓޮކް، 79، ހިމެނޭ ކަމަށެވެ. އެ ދެމީހުންނަކީ މަރުވި މީހުންގެ ތެރެއިން ނަން ހާމަކުރި މީހުންނެވެ. މަރުވި އިތުރު ތިން މީހަކު ދެނެގަނެވިފައިވާ ކަމަށާއި އެ މީހުންގެ ނަން ހާމަކުރާނެ ކަމަށް ކައުންޓީން ބުންޏެވެ.

ގެ ހުރި ހާލަތު ބަލަން ލަހައިނާ އަވަށަށް ވަނުމުގެ ހުއްދަ ދީފައި ނުވާތީ ރައްޔިތުން ވަނީ މާޔޫސްކަން ފާޅުކޮށްފައެވެ. އަވަށަށް ވަނުން މަނާކޮށްފައިވަނީ އެ ސަރަހައްދުގެ ވައިގެ ތެރޭގައި ނުރައްކާތެރި ކެމިކަލްތަކެއް ހުރުމުގެ ނުރައްކާ އޮތުމުންނެވެ.

އަލިފާނުގެ ހާދިސާގައި 2،200 އަށް ވުރެ ގިނަ އިމާރާތަށް ގެއްލުންވެފައިވާއިރު ދުމުގެ އަސަރު 3،000 އަށް ވުރެ ގިނަ އިމާރާތަށް ކޮށްފައިވެއެވެ.

ގަވަރުނަރު ގްރީން ވަނީ އަލިފާނުގައި އަނދާ އަޅިއަށް ވި ސަރަހައްދުގެ ބިންތައް ފެރޭން މުއްސަނދިން މަސައްކަތް ކޮށްފާނެ ކަމުގެ އިންޒާރު ރައްޔިތުންނަށް ދީފައެވެ. މާޔޫސްކަމުގެ ނާޖާއިޒު ފައިދާ ނަގައި ބިންތައް ގަންނަން މަސައްކަތް ކޮށްފާނެތީ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެން އާރާސްތުކުރާއިރު، މި މުޖުތަމައަށް ދެމެހެއްޓެނިވި ލޯކަލް ކޮމިޓްމަންޓެއް ހޯދައިދިނުން،" ގްރީން ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ބަލަމުން އަންނަ އިރު، މި ކާރިސާއަށް ކަމާބެހޭ ފަރާތްތަކުގެ ތައްޔާރީތަކާއި އިޖާބަދިނުމާ މެދު ދަނީ ސުވާލު އުފައްދަމުންނެވެ.