ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ޗައިނާގެ އިންޖިނިއަރުންގެ އިތުރުން ޗައިނާގެ ސިފައިންގެތަކެއް ގޮވައިގެން ދަތުރުކުރި ކޮންވޯއަކަށް ހަމަލާދިން ދެ ހަނގުރާމަވެރިއަކު މަރާލައިފިއެވެ.
އާދިއްތަ ދުވަހު ހެނދުނު ދިން ހަމަލާގެ ޒިންމާ ނެގި ބަލޫޗިސްތާން ލިބަރޭޝަން ހަނގުރާމަވެރިންނާ، އެ ޕްރޮވިންސްގެ ސަލާމަތީ ބާރުތަކާ އެކު އެތައް ގަޑިއިރެއްވަންދެން ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ހާލަތު ކޮންޓްރޯލް ވެއްޖެ. ދެ ޓެރަރިސްޓުން މަރާލައިފި، ޗައިނާ މީހުން ތިބީ ސަލާމަތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ އެ ސަރަހައްދު ބަލަހައްޓަމުން،" ބަލޫޗިސްތާން ޕްރޮވިންސްގެ އިންފޮމޭޝަން ސެކްރެޓަރީ ހަމްޒާ ޝަފްކަތު ވަޓްސްއެޕް މެދުވެރިކޮށް އަރަބް ނިއުސްއަށް ވިދާޅުވިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރް) އިން ވެސް މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދިން އިރު، ހަނގުރާމަވެރިން ބޭނުންކުރީ "ކުދި ހަތިޔާރާއި ހޭންޑް ގްރެނޭޑް" ކަމަށް ބުނެފައިވެއެވެ. އައިއެސްޕީއާރުން ބުނީ އަސްކަރިއްޔާއަކަށް އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ.
ހަމަލާ ދީފައިމިވަނީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ނުވަތަ ސީޕީއީސީ ޕްރޮޖެކްޓްގެ މައިގަނޑު ސްޓްރެޓެޖިކް ލޮކޭޝަނެއް ކަމަށްވާ ގްވާދާރުގައެވެ. އެކަމެއް ހިނގީ ޕާކިސްތާނުން ބަލޫޗިސްތާނަށް ނިސްބަތްވާ އަންވާރުލް ހައްގު ކަކަރް ވަގުތީ ބޮޑުވަޒީރަކަށް ހަމަޖެއްސިތާ އެއް ދުވަސް ފަހުންނެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ ޓެބްލޮއިޑް ގްލޯބަލް ޓައިމްސް އިން ކުރި ޓްވީޓެއްގައި ބުނީ ކޮންވޯގައި ޗައިނާގެ 23 ސިފައިން ތިބި ކަމަށެވެ. އެ ކޮންވޯ ގައި ތިން އެސްޔޫވީ އާއި ވޭނެއް ހިމެނޭ ކަމަށެވެ.
ގްލޯބަލް ޓައިމްސް އިން ބުނީ އައިއީޑީއެއް ގޮއްވާލައި ވޭނަށް ބަޑި ޖެހުމުގެ ސަބަބުން ބިއްލޫރިގަނޑު ފަޅައިގެން ދިޔައެވެ.
ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީއެލްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗައިނާގެ ހަތަރު މީހަކާއި އަސްކަރިއްޔާގެ ނުވަ މީހަކު މަރުވި ކަމަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ނުޖެހުމަށް އެދި އަރަބި ނިއުސްއަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހަމަލާއިން ޗައިނާގެ ކޮންވޯގެ މެމްބަރުންނަށް އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތްވެފައިވާ ކަމަށެވެ.