މި ފަހުން އުފެއްދި "ދަ ޑިމޮކްރެޓްސް" ގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރައްވާ އިލްޔާސް ލަބީބްގެ ރަނިންމޭޓަކު ކަނޑައެޅި ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
އަޑުތައް ފެތުރޭ ގޮތުގައި އާއި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އިލްޔާސްގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސަނީ މަޖިލީހުގެ ނައިބު ރައީސް އީވާއެވެ.
އެކަމަކު ރިޔާސީ ކެމްޕޭނުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މި ވަގުތު އައްޑޫގައި ހުންނެވި އިލްޔާސް ލަބީބް "ހަތާވީސް" އަށް މިއަދު ވިދާޅުވީ އަދި ރަނިން މޭޓަކަށް ބޭފުޅަކު ހަމަޖައްސާފައިނުވާ ކަމަށެވެ.
ރަނިން މޭޓުގެ ލިސްޓުގައި އިވާގެ ނަން އޮތްތޯ ސުވާލުކުރުމުން ވިދާޅުވީ "އެކި ބޭފުޅުންނާ އެކު މަޝްވަރާ ކުރަމުން އަޅުގަނޑު މިދަނީ ރަނިން މޭޓަކު ހަމަޖެއްސުމާއި ގުޅޭ ގޮތުން"އެވެ.
އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އިލްޔާސް ވިދާޅުވީ ރަނިން މޭޓަކަށް ކަނޑައަޅާ ބޭފުޅަކު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށެވެ. އެކަމަކު ކޮން ދުވަހެއް ކަމެއް ވިދާޅެއް ނުވެއެވެ.
އިލްޔާސް، ރިޔާސީ ރޭހަށް ނިކުމެވަޑައިގެންނެވީ ޑިމްކޮރެޓުންގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ. ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލުމާއެކު އެކަމަށް އިޖާބަ ދިން ހަމައެކަނި ބޭފުޅަކީ އިލްޔާސެވެ. އެ އިންތިހާބުގައި އިލްޔާސަށް ވަނީ 3،041 ވޯޓު ލިބިވަޑައިގެންފައެވެ. ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބު ކުރަން ނުފެންނަ ކަމަށް 153 މީހަކު ވޯޓު ދީފައިވެއެވެ.
ވާދަވެރިވާނެ ކަމަށް ބެލެވޭ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން ރަނިން މޭޓުން ހަމަޖެއްސީ އިދިކޮޅު ޕީޕީއެމުންގެ އިތުރުން އެމްއެންޕީންނެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ކަނޑައެޅީ އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. އެކަން ރަސްމީކޮށް މިއަދު އެ ޕާޓީން އިއުލާންކޮށްފައިވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ގެ ރަނިން މޭޓަކަށް ހަމަޖެއްސީ ކުރީގެ އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝްއެވެ. ސަރުކާރު މައި ޕާޓީ އެމްޑީޕީއާއި ޖޭޕީން އަދި މިހާތަނަށް ރަނިންމޭޓަކު ހަމަޖައްސާފައެއް ނުވެއެވެ. ރައީސް ސޯލިހުގެ ރަނިން މޭޓަކަށްވުމުގެ ޝައުގުވެރިކަން ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ފާޅުކުރައްވާފައެވެ.