ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ގެ ޕާޓްނަރުން އިއުލާންކޮށްފިއެވެ.

ސަޓާ 2023 ގެ ޕާޓްނަރުން ރައީސްމީކޮށް އިއުލާން ކޮށްފައިވަނީ، އިއްޔެ މާލޭގެ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސަޓާ 2023 ގެ ޕާޓްނަރުން ހާމަކޮށްފައިވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެފަރާތްތަކުގެ އަހައްމިއްޔަތުކަން ދައްކުވައިދޭ ގޮތަށް ކަމުގައިވާއިރު، ސާޓާގެ ޕްލެޓިނަމް ޕާޓްނަރަކީ ލަގްޒަރީ ޔޮޓް އުފެއްދުމުގައި މަޝްހޫރު ނަމެއް ކަމަށްވާ ގަލްފް ކްރާފްޓެވެ.

މީގެއިތުރުން، އެ ހަރަކާތުގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި ހޯކްސް ޕްރައިވެޓް ލިމިޓެޑާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހަމަޖައްސާފައިވާއިރު، އޮޑިޓިން ޕާޓްނަރަކަށް ކްރޯ މޯލްޑިވްސް އަދި ހޮސްޕިޓާލިޓީ ޕާޓްނަރަކަށް މާގިރި ހޮޓެލް ވަނީ ހަމަޖައްސާފައެވެ.

ސަޓާ2023 ގެ ޕާޓްނަރުން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސަޓާގެ ރައީސް އިސްމާއިލް ހަމީދު ވަނީ، ސަޓާގެ ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހިއްސާކުރައްވާފައެވެ.

ސަޓާގެ ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ، އެ އެވޯޑު ދިނުމުގެ ހަފްލާގައި، ސައުތު އޭޝިއާ ސަރަޙައްދުގެ އެކި ކަންކޮޅުތަކުގެ އިންޑަސްޓްރީގެ އިސްވެރިންނާއި، ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސަޓާއަށް ހަތް އަހަރު ފުރުން ފާހަގަކުރަމުން އަންނައިރު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް އަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތެކެވެ.

ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ކުރިއަށް ގެންދާ ހަރުކަށި ސިލެކްޝަން ޕްރޮސެސްއަކާ އެކު ސަޓާއިން ވަނީ ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ 52 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފާހަގަކޮށްފައެވެ.