ފެންކުންފުނީގެ ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެކުންފުނީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ޕްރޮގްރާމެއް ފަށައިފައެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ 31 ޑިސެމްބަރުގެ ނިޔަލަށް ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން، ޖޫރިމަނާ މައާފްކޮއްދެވޭނީ ފެން ބިލަށް ނުވަތަ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ އެއްފަހަރާ ދައްކާ ހަލާސް ކުރުމަށްފަހު ޖޫރިމަނާ މައާފް ކޮށްދިނުމަށް އެދި އެކަން ލިޔުމަކުން ނުވަތަ އީމެއިލް އަކުން ހުށަހެޅުމުންނެވެ.
އެ ޕްރޮގްރާމް އާއި ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ނަމްބަރު 105 އަށް ގުޅުއްވުމުން، ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުވައިގެން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
"ވީމާ، މި ފުރުސަތުގެ ބޭނުން ހިތްޕަވައި، ފާއިތުވި މަސްތަކުގެ ފެން ބިލްތަކަށް ދައްކަވަން ޖެހިލައްވާ ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް ކަސްޓަމަރުންގެ ކިބައިން އެދެމެވެ،" އެކުންފުނިން ބުނެއެވެ.
ފެން ކުންފުނިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ ކަސްޓަމަރުންވެސް ފެން ބިލަށް މަހުން މަހަށް ފައިސާ ދެއްކެވުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.