ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގެ ބެޑްމިންޓަންގެ ސިންގަލްސްއިން ރާއްޖޭގެ އައިޝަތު މާނިޔާ އާދަމް ރަން މެޑަލް ހޯދައިފިއެވެ.

ޖަރުމަނުގައި މިހާރު ކުރިއަށްދާ މި ގޭމްސްގައި މާނިޔާ ރަން މެޑަލް ހޯދީ ފައިނަލުގައި ބުލްގޭރިއާގެ ތިޔަންކާ ޖޯޖީވާއާ ވާދަކޮށް މޮޅުވެގެންނެވެ. އެ މެޗު މާނިޔާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު އޭނާ ކާމިޔާބު ކުރީ 21-19 އިންނެވެ. ދެވަނަ ސެޓުގައި ބޮޑު ލީޑެއްގައި އޮވެގެން 21-10 އިން މާނިޔާ ވަނީ ސެޓު ކާމިޔާބުކޮށްގެން މެޗުން މޮޅުވެފައެވެ.

މާނިޔާ ފައިނަލަށް ދަތުރު ކުރީ ޖޯޑަންގެ ރިމާ އަބޫ ޒަހްރާއާއި މޮންގޯލިއާގެ ޙިޝިކުރީއާ ވާދަކޮށް މޮޅުވެގެންނެވެ. ރިމާ އަތުން މާނިޔާ މޮޅުވީ 21-10 އަދި 21-12 އިން ސެޓު ކާމިޔާބުކޮށްގެންނެވެ. ޙިޝިކުރީ އަތުން އޭނާ މޮޅުވީ 21-13 އަދި 21-15 އިން ސެޓުތައް ކާމިޔާބުކޮށްގެންނެވެ.

މާނިޔާގެ އިތުރުން މުހައްމަދު ރާއިފް ޝަރީފް ވެސް ވަނީ މި ގޭމްސްގެ ފިރިހެން ސިންގަލްސްއިން ތިންވަނަ ހޮވާ މެޗަށް ދަތުރުކޮށްފައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި 190 ގައުމަކުން 7000 އެއްވުރެން ގިނަ އެތުލީޓުން ވަނީ ވާދަކޮށްފައެވެ.

މި ގޭމްސްގައި ރާއްޖޭގެ ދުވުންތެރިޔާ ޒާނާ އަލީ ޝަރީފް ވަނީ 200 މީޓަރުން ބްރޯންޒް މެޑަލް ހޯދައިފައެވެ. މިފަހަރުގެ އެތުލެޓިކްސްގައި ރާއްޖޭގެ ދެން ތިބި އެތުލީޓުންނަށް މެޑަލް ނުލިބުނު ނަމަވެސް ވަނީ ރަނގަޅު ވާދައެއްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ހަސަން ސޫޖޫދު ނާޝިދު ވަނީ ސްޓޭންޑިން ލޯންގްޖަމްޕުގެ ފައިނަލަށް ދަތުރުކޮށްފައެވެ.