ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްއަށް ހޫނުގަދަވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. ހޫނުގަދަވުމުގެ ސަބަބުން ޑޮކްޓަރުން ވަނީ އުމުރުން 60 އަހަރުން މަތީގެ ދުވާލުގެ ވަގުތުތަކުގައި ގޭގައި ތިބުމަށް ނަސޭހަތްތެރިވެފައެވެ.

މަރުވި އެންމެންނަކީ ވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނަށްވާއިރު އެ މީހުންނަކީ މީގެ ކުރިންވެސް ސިއްހީ މައްސަލަތައް ހުރި މީހުންނެވެ. ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ހާލަތު އިތުރަށް ގޯސްވީ ކަމަށް ބެލެވެއެވެ.

މި މީހުން މަރުވެފައިވަނީ ސްޓޭޓްގެ ވެރިރަށް ލަކްނޫގެ އިރުދެކުނުން ގާތްގަނޑަކަށް 300 ކިލޯމީޓަރު ދުރުގައި އޮންނަ ބަލިއާ ޑިސްޓްރިކްޓްގައެވެ.

ބަލިއާގެ ޗީފް މެޑިކަލް އޮފިސަރު ޖަޔަންތު ކުމާރު ވިދާޅުވީ ބުރާސްފަތި ދުވަހު 23 މީހުން މަރުވެފައިވާ އިރު ހުކުރު ދުވަހު އިތުރު 11 މީހަކު މަރުވެފައިވާ ކަމަށެވެ.

ކުމާރު ހޮނިހިރު ދުވަހު އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ހުރިހާ މީހުންނަކީ ވެސް ބައެއް ބަލިތައް ތަހައްމަލު ކުރަމުން ދިޔަ މީހުން ކަމަށާއި ހޫނުގަދަވުމުގެ ސަބަބުން އެ މީހުންގެ ހާލު ގޯސްވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ގިނަ އިން މީހުން މަރުވެފައިވަނީ ހާޓް އެޓޭކް ޖެހުމާއި ބްރެއިން ސްޓްރޯކް ޖެހުން އަދި ބޭރަށް ހިނގުމުގެ ސަބަބުންނެވެ.

މެޑިކަލް އޮފިސަރެއް ދިވާކަރް ސިންގް ވިދާޅުވީ ބަލިއާގެ މައި ހޮސްޕިޓަލުގައި އެ މީހުން އެޑްމިޓްކުރީ ސީރިއަސް ހާލުގައި ކަމަށެވެ.

"އުމުރުން ދުވަސްވީ މީހުންނަށް ވެސް ހޫނުގަދަވުމުގެ ނުރައްކާ އެބައޮތް" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހު ބަލިއާގެ ފިނިހޫނުމިން ހުރީ 42.2 ޑިގްރީ ސެލްސިއަސް (108 ޑިގްރީ ފެރެންހައިޓް) ގައެވެ. ފިނިހޫނުމިން ހުރީ އެވްރެޖަށްވުރެ 4.7 ޑިގްރީ ސެލްސިއަސް (8 ޑިގްރީ ފެރެންހައިޓް) މަތީގައެވެ.

ހޫނުގަދަވުމުގެ ސަބަބުން މުޅި ސްޓޭޓުން ކަރަންޓު ވަނީ ކެނޑިފައެވެ. ފެނާއި ފަންކާ އަދި އެއާކޮންޑިޝަން އެއްވެސް ވަރަކަށް ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު ދަނީ އެމީހުންގެ ޝަކުވާތައް ފާޅުކުރުމަށް އިހުތިޖާޖު ކުރަމުންނެވެ.

އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަދި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މެމްބަރެއް ކަމަށްވާ ޔޯގީ އާދިތުޔަނާތު ވަނީ އެ ސްޓޭޓުގައި އަލުން ކަރަންޓު ފޯރުކޮށް ދިނުމަށް ސަރުކާރުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އަދި ސަރުކާރަށް އެއްބާރުލުން ދީ، ވިސްނުންތެރިކަމާއެކު ކަރަންޓުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރެއްވިއެވެ.

https://twitter.com/extremetemps/status/1667512985579921409

"މި ގަދަ ހޫނުގައި ކޮންމެ އަވަށަކަށް ވެސް އަދި ކޮންމެ ސިޓީއަކަށް ވެސް އެކަށީގެންވާ ވަރަށް ކަރަންޓު ލިބެން ޖެހޭ. އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމަށް އަވަސް ހައްލެއް ހޯދައިދޭން ޖެހޭ،" ހުކުރު ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވިއެވެ.

އާންމުގޮތެއްގައި އޭޕްރީލް، މެއި އަދި ޖޫން މަހަކީ އިންޑިޔާގެ ހޫނު މޫސުމެވެ. ނަމަވެސް ފަހަކަށް އައިސް މި ދުވަސްވަރު ފިނިހޫނުމިން ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި މި ބަދަލު ފާހަގަކޮށްލެވެނީ ފިނިހޫނުމިން ކުރިއަށް ވުރެ މައްޗަށް ގޮސްފައިވާތީއެވެ.

ހޫނުގަދަ ދުވަސްވަރު އިންޑިއާއަށް ފެނުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާއިރު، އެގައުމުގެ 1.4 ބިލިއަން އާބާދީގެ އެތައް މިލިއަން ބަޔަކަށް ފެން ނުލިބެއެވެ.

ވޯލްޑް ވެދާ އެޓްރިބިއުޝަނުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އޭޕްރީލް މަހު ދެކުނު އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ހޫނު ގަދަވުމުގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޫނުމިން 30 ގުނަ އިތުރުވިއެވެ.

މިދިޔަ އޭޕްރީލް މަހު އިންޑިއާގެ މާލީ ވެރިރަށް މުމްބާއީގައި ބޭއްވި ސަރުކާރުގެ ހަރަކާތެއްގައި 13 މީހަކު ވަނީ ހޫނު ގަދަވުމުގެ ސަބަބުން މަރުވެފައެވެ. އެ ހާލަތުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް ސްޓޭޓްތަކުން ވަނީ އެއް ހަފުތާއަށް ހުރިހާ ސްކޫލެއް ބަންދުކޮށްފައެވެ.