ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުالله ގެ އިތުބާރު ނެތްކަމުގެ ވޯޓާ ހަމައިން މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާލައި މަޖިލީހުގައި މަރުތަޅު އަޅުވައިފި އެވެ. އީވާގެ މައްސަލަ މަޖިލިސް ގަވާއިދުގައިވާ ގޮތަށް އެޖެންޑާ ނުކޮށް ހިފެހެއްޓުމަށް މަޖިލީހުގެ ރިޔާސަތުން ދެއްކީ ހައްތަހާ ދެކޮޅު ނުޖެހޭ ހުއްޖަތްތަކެވެ.
ކުރިން ރާއްޖޭގެ ރައީސް ކަން ކުރެއްވި ނަޝީދުގެ ތާރީހަށް ބަލާނަމަ މިއީކީ އެމަނިކުފާނަށް އާ ކަންކަމެއް ނޫނެވެ. އެމަނިކުފާނުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގައި ފުލުހުން ފޮނުވައިގެން ތަޅު އެޅުވި އެވެ. އޭރު ދެއްވި ބަހަނާއަކީ ގާނޫނު އަސާސީގައި ބުނާގޮތަށް ދާއިމީ ސުޕްރީމް ކޯޓު އަލުން އެކުލަވާނުލެވި އޮތުމެވެ.
އެހެނަސް ދައުލަތުގެ އެއް ބާރުގެ އެންމެ އިސް ފަރާތް ކަމަށްވާ ސުޕްރީމް ކޯޓު ބަންދު ކުރުމުގެ ބާރެއް ރައީސާއި ސަރުކާރަކަށް ގާނޫނީ ގޮތަކުން ލިބިފައެއް ނެތެވެ.
ދެން އެމަނިކުފާނުގެ އެޅުއްވި އަނެއް ތަޅަކީ އަމިއްލަފުޅަށް ހިންގަވަމުން ގެންދެވި ސަރުކާރެވެ. އިދިކޮޅު ޑީއާރުޕީން ކޮންޓްރޯލްކުރި މަޖިލީހުން ސަރުކާރަށް ޖެއްސުންކޮށް ދަތި ކުރާ ކަމަށް ވިދާޅުވެ ހުރިހާ ވަޒީރުން އިސްތިއުފާގެ ސިޓީއެއް ހުށަހަޅުއްވަން އެންގެވީ ނަޝީދެވެ. މުޅި ސަރުކާރު ހުއްޓުމަކަށް އައިސް މަރުތަޅު އެޅުނެވެ.
އަލުން އެ ވަޒީރުން އަނެއްކާވެސް ކުރީގެ މަގާމުތަކަށް އައްޔަން ކުރައްވައި ގާނޫނު އަސާސީގައި ބުނާގޮތަށް ރުހުން ހޯދަން މަޖިލީހަށް ފޮނުއްވުމުން ދެ ބައި ކުޅަ އެއްބައި ވަޒީރުންނަށް ރުހުން ނުދިނެވެ. މިކަން މިހެން ދިމާވެދާނެ ކަން ވަޒީރުންގެ އިސްތިއުފާގެ ކުރިން އެމްޑީޕީގެ އިސް ބޭފުޅުން ނަޝީދަށް ދެންނެވިޔަސް އެމަނިކުފާނު އެކަން ގަބޫލެއް ނުކުރެއްވީ އެވެ.
ދެން ފެށްޓެވީ ރުހުން ނުލިބި އޮތަސް ވަޒީރުން މަގާމުގައި ތިބެވޭނެ ކަމަށް ގާނޫނީ ހުއްޖަތެއް ހޯދުމުގެ މަސައްކަތެވެ. ސުޕްރީމް ކޯޓާ ހަމައަށް ދިއުމުން އެމަނިކުފާނަށްވީ ނާކާމިޔާބެވެ. ރުހުން ނުލިބޭ ވަޒީރުން މަގާމުގައި ދެމި ނުތިބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. ދެން ޖެހިވަޑައިގަތީ އާ ވަޒީރުންތަކެއް އައްޔަން ކުރައްވާށެވެ.
އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައީ ގާނޫނާ ހިލާފަށް ފަނޑިޔާރަކު ހައްޔަރުކޮށް އަދި ސުޕްރީމް ކޯޓުގެ އަމުރަށް ވެސް ތަބާނުވެ ކަންކަން ކުރައްވަމުން ގެންދަވަނިކޮށެވެ. އެއީ ހެއްދެވުނު ގޯހެއް ކަމަށް ފަހުން އިއުތިރާފްވެ ވަޑައިގަތުމަށްފަހު މަޖިލިސް ރައީސްކަމުގައި ހުންނަވައިގެން އަނެއްކާވެސް ކަންކަން ކުރައްވަނީ ހިތުހުރި ގޮތަކަށެވެ.
ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ބަހުސްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަމުން ދަނީ ގަވާއިދާ ހިލާފަށެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ލިޔުމުން ޖަވާބުދާރީވެ ވަޑައިގަތުމުން މައްސަލަ ކުރިއަށް ނުގެންގޮސް ހިފެހެއްޓެވީ ކުރިން މަޖިލީހުން އަމަލުކުރި އުސޫލުތައް ބޮލާލައި ޖެއްސެވުމަށްފަހު އެވެ.
"އަޅުގަނޑުމެންނަށް މިއަދު މި މައުލޫމާތު މި ލިބެނީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ދޮރުތައް ތަޅު އަޅުވައިގެން ހުންނެވި ވާހަކަ. އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑުމެންގެ އަތުގައި ހުރި ހުރިހާ ތަޅެއް ގެންގޮސް މި ބޭފުޅާއާ ހަވާލުކުރަންވީއޭ." ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވި އެވެ.
ނަޝީދުގެ ތާރީހަށް ބަލާނަމަ ފެނިގެންދަނީ ހުރިހާ މުއައްސަސާއެއްގައި މަރުތަޅު އަޅުވާ މަންޒަރެވެ.