ވޭތުވެދިޔަ ދެ ދުވަހު އައްޑޫ ސިޓީ އަށް ތަރައްގީގެ ބޮޑު އީދެއް އައިސްފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ގަމުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ އައްޑޫ ސިޓީގެ ގަމަކީ އެ ސިޓީގެ އިގްތިސޯދުގެ މައި ތަނބު ކަމަށެވެ. އޭނާ ވިދާޅުވީ މުޅި އައްޑޫގެ އިގްތިސޯދާއި އެ ސިޓީގެ ރައްޔިތުން ވެސް އެންމެ ބޮޑަށް ބަރޯސާވެފައިވާ ތަނަކީ ގަން ކަމަށެވެ. ގަމަކީ ތަރައްގީ ނުކޮށް ދޫކޮށްލާފައި ބޭއްވޭ ވަރުގެ ތަނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވަނީ އައްޑޫ އިން އިނގިރޭސިން ފައިބައިގެން ދިޔަ ފަހުން ގަމުގައި ގިނަ އަދަދެއްގެ އާލާތްތައް ބަހައްޓާފައި ދިޔަކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މަޑު މަޑުން އެތަނުގައި ހުރި އެއްޗެހި އެހެން ބައެއް ރަށްރަށަށް ގެންދަން ފެށި ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އޭރުގެ ސަރުކާރުން ގަން ހިންގުމުގެ މާބޮޑު ވިސްނުމެއް ނެތް. ދެން އައި ސަރުކާރުން އައްޑޫ ޑިވެލޮޕްމަންޓު އޮފީސް ކިޔާ އޮފީހެއް ހަދާ ވަރަށް ވަރުގަދަ އަށް ގަން ހިންގާ ވާހަކަ ދެއްކި. އެހެންނަމަވެސް ރައްޔިތުންނަށް ފެނިގެން ދިޔައީ ރައްޔިތުންނޭ މި ގަން ހިންގެނީ... އައްޑޫ ރައްޔިތުން ގަން ހިންގާތަން އަޅުގަނޑުމެންނަށް ފެނުނީ މި ގަން [ސ. ގަން] އޭގެ ޒާތުގައި ހިންގާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" އަސްލަމް ވިދާޅުވިއެވެ.
ކުދިކުދި ޕްރޮޖެކްޓުތައް ހިންގައިގެން ކަންކަން ނުވާނެ ކަމަށް ވިދާޅުވެ އަސްލަމް ފާހަގަކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކުރާ އުސޫލުން ވަށާޖެހޭ ގޮތަށް މަސައްކަތް ކުރުމުން އެ މަންޒަރުތައް ރައްޔިތުންނަށް ފެންނަ ކަމަށެވެ.
"ރައީސް އަޅުގަނޑަށް ރައީސް ފެނިފައި އޮތީ ނަމަށް ވުރެ ކަން އިސްކުރައްވައިގެން ކަން ކުރައްވަން އުޅުއްވި ތަން،" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުއްމީދަކީ ވީހާވެސް އަވަހަކަށް ގަން އެއާޕޯޓުގެ މަސައްކަތް ނިމިގެން ދިއުން ކަމަށެވެ.