ދިވެހިރާއްޖޭގެ އަތޮޅުތަކަށް ހަރަދު ނުކުރާ ވަރަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ހަރަދު ކުރަމުންދާ ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން އިސްމާއީލް ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެމްބަރަކު ނަޝީދަށް ފާޑުވިދާޅުނުވާ މިންވަރަށް ބަހުގެ ހަމަލާތައް ދެއްވާފައެވެ.

އިސްމާއިލް ވިދާޅުވީ ހަލަބޮލިވާ ކޮންމެ ފަހަރަކު ނަޝީދަށް ދިން ބޮމުގެ ވާހަކަ ފެންމަތިކުރާ ކަަމަށާއި އެއީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކައެއް ކަމަށެވެ. އެހެން ވިދާޅުވެ، އޭނާ ވަނީ ނަޝީދަށް ދައުލަތުން ކުރައްވާ ހަރަދުގެ ތަފްސީލު މަޖިލީހުގައި ކިޔައިދެއްވާފައެވެ.

”ދެހާސް އަށްވަނަ އަހަރުން ފެށިގެން މި ރާއްޖޭގައި އެކަނި އިންސާނަކަށް އެންމެ ބޮޑު ހޭދައެއް ކުރާ ބޭފުޅަކީ މަނިކުފާނު [ރައީސް ނަޝީދު]. ދައުލަތުގެ ބަޖެޓުން އެބަ ހޭދަކުރޭ 50 މިލިއަނެއްހާ ރުފިޔާ މަނިކުފާނަށްޓަކައި،” އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލްގެ ވާހަކަފުޅާއި ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ނިޒާމީ ނުކުތާއެއް ނަންގަވާ ބޮމުގެ ހަމަލާގެ އަޑީގައި ހުންނެވީ ރައީސް ސޯލިހު ކަމަށް ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް އެ ވާހަކަ ކުރިއަށް ގެންދެވުމުގެ ފުރުސަތު ރިޔާސަތުގައި އިންނެވި ނަޝީދެއް ބޮންޑޭ އަކަށް ނުދެއްވިއެވެ. ނަމަވެސް ނަޝީދު ވަނީ ބޮމުގެ ހަމަލާގައި އެމަނިކުފާނު ޖަރުމަނަށަ ވަޑައިގެން އެ ގައުމުގައި ބޭސް ކުރެއްވީ އެ ގައުމުގެ ސަރުކާރުގެ ހަރަދުގައި ކަމަށް ވިދާޅުވެފައެވެ.

އެއަށްފަހު އިނގިރޭސިވިލާތުގައި ހުންނެވި ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުން ކޮންމެވެސް ވަރެއްގެ ހަރަދު ކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި މެންބަރު އިސްމާއީލް އެ ވިދާޅުވެފައިވާ 50 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރައްވަނީ ސިފައިން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ނަޝީދުގެ ސަލާމަތީ ކަންކަމާއި ދަތުރުފަތުރާއި ހަށިފާރަވެރިންގެ ހިދުމަތަށެވެ.

މެމްބަރު އިސްމާއީލް ވިދާޅުވީ 2008ވަނަ އަހަރުން ފެށިގެން ނަޝީދުގެ ހިމާޔަތާއި ރައްކާތެރިކަމާއި އާއިލާއަށް ދިވެހި ދައުލަތުން ހަރަދު ކުރާ ކަމަށެވެ.

”ރާއްޖޭގެ ރަނގަޅު އަތޮޅަކަށް ނުކުރާ ހޭދަ މަނިކުފާނަށް އަންނަނީ ކުރަމުން،” އިސްމާއީލް ވިދާޅުވިއެވެ.

މެންބަރު އިސްމާއީލްގެ ވާހަކައިގެ ތެރެއިން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވަނީ މާލޭގެ މަގެއްގެ މެދުގައި ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަ ކޮށްލަން އުޅުނު އުޅުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި މެންބަރު އިސްމާއީލް ނެންގެވުމުން ކުށްވެރި ކުރައްވައިފައެވެ.

އިންތި ވިދާޅުވީ ނަޝީދަށް ކުރާ ހަރަދު ކުރަނީ “ލާޒިމް” ވެގެން ކަމަށެވެ. އެހެންކަމުން އެފަދަ ހަރަދުތައް ކުރެވޭނެ ކަމަށް އިންތި ވިދާޅުވިއެވެ.