"ދަ މިނިސްޓްރީ ފޯ ދަ ފިއުޗާ" ގެ ނަމުގައި މަޝްހޫރު ނޮވެލްއެއްގައި ލިޔުންތެރިޔާ ކިމް ސްޓަންލޭ ކިޔައިދެނީ އިންޑިއާގައި އުފެދިފައިވާ ނުރައްކާތެރި ހޫނުގެ ސަބަބުން އެތައް މިލިއަން ބަޔަކު މަރުވާ ވާހަކައެކެވެ. އުޑުމަތި ހީވަނީ އެޓޮމިކް ބޮމެއް ފަދައިން ކަމަށެވެ.

މި ވާހަކައަކީ ދުނިޔެ ހޫނުވުމުގެ ނުރައްކާތެރިކަމުގެ އިންޒާރެކެވެ. ދާދި ފަހުން އިންޑިއާގެ ނަވީ މުމްބާއީގައި ހީޓްސްޓްރޯކް ޖެހިގެން 12 މީހަކު ވަނީ މަރުވެފައެވެ. އިންޑިއާ އަކީ ހޫނުގަދަވުމުގެ ނުރައްކާ ވަރަށް ބޮޑު ގައުމަކަށްވާއިރު، ހޫނު ގަދަ ދުވަސްތަކާއި ހޫނު ގަދަ ރޭތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، 2050 ވަނަ އަހަރާ ހަމައަށް އެ އަދަދު އިތުރަށް އުފުލޭނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ފިނިހޫނުމިން އެވްރެޖަށް ވުރެ މަތިވާނެއެވެ. ވަކިން ހާއްސަކޮށް މެއި މަހުގެ ނިޔަލަށް ހޫނު ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. 1901 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު އިންޑިއާގެ އެވްރެޖް ފިނިހޫނުމިން ގާތްގަނޑަކަށް 0.7 ޕަސެންޓް ވަނީ އިތުރުވެފައެވެ. ހޫނު ގަދަވުމުގެ ސަބަބުން 1992 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު 22،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓަރު ދިލިޕް މަވަލަންކަރް ވިދާޅުވާ ގޮތުގައި ހޫނުގެ ނުރައްކާތަކާއި އެކަމުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް އެ ގައުމަށް ފުރިހަމައަށް ނުވިސްނެއެވެ. އޭގެ ސަބަބަކީ މަރުވާ މީހުންގެ ތަފާސް ހިސާބުތައް އެކަށީގެންވާ މިންވަރަށް އެއްކޮށްފައި ނުވުމެވެ.

2010 ވަނަ އަހަރުގެ މެއި މަހު ޕްރޮފެސާ މަވަލަންކަރަށް ހެދި ދިރާސާތަކުން ގޮތުގައި އަމްދައާބާދު ސިޓީގައި ރެކޯޑް މިންވަރަކަށް ފިނިހޫނުމިން ދަށަށް ގޮސްފައިވެއެވެ. އަދި ހަފުތާއެއްގެ ތެރޭގައި 800 މީހުން މަރުވިއެވެ. މަވަލަންކަރް ވަނީ 2013 ވަނަ އަހަރު އިންޑިއާގެ ފުރަތަމަ ހީޓް އެކްޝަން ޕްލޭން އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދީ، ގޭގައި ތިބުމާއި، ގިނައިން ފެން ބުއިން ފަދަ ފިޔަވަޅުތައް އެޅުމަށް ލަފާދީފައެވެ.

ސެންޓާ ފޯ ޕޮލިސީ ރިސާޗުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސިޓީ، ޑިސްޓްރިކްޓް އަދި ސްޓޭޓް ލެވެލްގައި އިންޑިއާގެ ހީޓް އެކްޝަން ޕްލޭންތަކުގައި އުނިކަންތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކީ، ގިނަ ޕްލޭންތަކުގައި ލޯކަލް ކޮންޓެކްޓް ނެތުމާއި، ހީޓްވޭވް ތްރެޝްހޯލްޑް ކަނޑައެޅުމުގައި އާދަޔާ ހިލާފަށް ނުވަތަ ކްލައިމެޓް ޕްރޮޖެކްޝަން ފަދަ ކަންކަމަށް ރިއާޔަތް ނުކުރުމެވެ. ދިރާސާ ކުރި 37 ޕްލޭންގެ ތެރެއިން ލޯކަލް ޑިފައިންޑް ޓެމްޕަރޭޗާ ތްރެޝްހޯލްޑް ގާއިމްކޮށްފައި ވަނީ އެންމެ 10 ޕްލޭނެވެ. ސައިންސްވެރިން ލަފާދެނީ މޫސުމީ ޕްރޮޖެކްޝަންތައް ހިމެނުމަށާއި، ހޫނުގެ ނުރައްކާތައް ރަނގަޅަށް ދެނެގަތުމަށް ވިލެޖް ލެވެލްގައި އޮޓޮމެޓިކް ވެދާ ސްޓޭޝަންތައް ބޭނުން ކުރުމަށެވެ.

ދެވަނަ ކަމަކީ، ނާޒުކު ގުރޫޕްތައް ދެނެގަނެ، ޓާގެޓް ކުރުމުގައި އެ ޕްލޭންތައް އެކަށީގެންވާ މިންވަރަށް ނުފެނުނު ކަމެވެ. ހޫނުވުމުގެ ސަބަބުން ސިއްހީ ގޮތުން ނުރައްކާ އެންމެ ބޮޑީ ނުރައްކާ ދަނޑުތަކާއި ކޮންސްޓްރަކްޝަންގައި މަސައްކަތްކުރާ މީހުންނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށެވެ. އެކަމުން ދޭހަވަނީ ހީޓް އެކްޝަން ޕްލޭންތަކުގައި މި ނާޒުކު ގުރޫޕްތައް ހިމާޔަތްކުރުމަށްޓަކައި މިހާރަށްވުރެ ރަނގަޅަށް ދެނެގަނެ، ޓާގެޓެޑް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެވެ.

އިންޑިއާގެ ހަތަރުބައިކުޅަ ތިންބައި މީހުންނަކީ ކޮންސްޓްރަކްޝަން އަދި މައިނިން ފަދަ ހޫނަށް ހުށަހެޅޭ ފަދަ ވަޒީފާތަކުގައި ހަރަކާތްތެރިވާ މީހުންނެވެ. ޕްލެނެޓް ހޫނުވަމުން އަންނައިރު، މި މަސައްކަތްތެރިންނަށް ރައްކާތެރިކަމާ އެކު އަދި ހަރުދަނާ ގޮތެއްގައި ބޭރުގައި މަސައްކަތް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މިކަމުގެ ސަބަބުން ފިނިހޫނުމިން އިތުރުވުމުގެ ސަބަބުން ހޫނުގަދަވާ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންގެ ދިރިއުޅުމަށާއި ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ފާހަގަކޮށްލެވެއެވެ.

ހޫނު ގަދަ ސަރަހައްދުތަކުގައި ގަސް އިންދުމާއި އިމާރާތްތަކުގައި ހޫނު ގަދަވުން ކުޑަކުރުމަށް ޑިޒައިން ޗޮއިސްތައް ތަންފީޒުކުރުން ފަދަ އާދައިގެ ހައްލުތަކަކީ ހޫނު ގަދަވުން ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. އަދި އެއާކޮންޑިޝަން ނެތް ހޮސްޕިޓަލްތަކުގެ ތިރީ ފަންގިފިލާތަކަށް ބަލި މީހުން ގެންދިއުން ނުވަތަ ނުރައްކާތެރި ހޫނު ގަދަ ހާލަތުގައި މަސައްކަތް ނުކުރުމަށް މަސައްކަތްތެރިންގެ ރައްކާތެރިކަން ތަންފީޒު ކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ.