ބެންކޮކާއި ތައިލެންޑްގެ އެހެން ހިސާބުތަކަށް މިވަގުތު ވަރަށް ހޫނު ގަދައެވެ. ހޮނިހިރު ދުވަހު ވެރިރަށް ބެންކޮކްގެ ފިނިހޫނުމިން ހުރީ 42 ޑިގްރީ ސެލްސިއަސްގައެވެ.

ނަމަވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހީޓް އިންޑެކްސް (އާދަޔާ ހިލާފަށް ފިނިހޫނުމިން އިހުސާސްވާ ގޮތް) ރެކޯޑް އަދަދަކަށް 54 ސެލްސިއަސް އަށް އަރާފައިވާ ކަމަށެވެ.

ހޫނު ގަދަކަމުން އެތެރޭގައި ތިބުމަށާއި ބޭރަށް ނުނިކުތުމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ އިންޒާރު ދެމުންނެވެ.

އޭޕްރީލް މަހަކީ، އާންމުގޮތެއްގައި ތައިލެންޑްގައި އެންމެ ހޫނު ގަދަ މަހެވެ. މި މަހުގެ ފިނިހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް ހަފުތާ ބަންދުގައި އިތުރަށް ހޫނު ގަދަވެ 77 ޕްރޮވިންސްގެ ތެރެއިން މަދުވެގެން 28 ޕްރޮވިންސެއްގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިދިޔަ ހަފުތާގައި ތައިލެންޑުގެ ހޫނު މިން ހުރީ 45 ޑިގްރީ ސެލްސިއަސް ގައި ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެހެންކަމުން ހީޓް ސްޓްރޯކް ޖެހުމުގެ ފުރުސަތުތައް އޮތުމުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިންޒާރު ދެމުންނެވެ. އެއީ ހަށިގަނޑު މާ ބޮޑަށް ހޫނުވެ ބަލިވާން މަގުފަހިވާ ހާލަތެކެވެ. އަދި ގަދަ ހޫނުން ރައްކާތެރިވުމަށް ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށް ވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.

https://twitter.com/seatodaynews/status/1650031753866911745

ތައިލެންޑުގައި އޭޕްރީލް މަހުގެ ހަވަނަ ދުވަހު 39،000 މެގަވޮޓަށް ވުރެ ގިނަ ކަރަންޓު ބޭނުންކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރު ބޭނުންކުރި ކަރަންޓުގެ އަދަދަށްވުރެ ވެސް ދެ ގުނަ ބޮޑު އަދަދެކެވެ.

އިރުމަތީ އިންޑިއާ އާއި ބަންގްލަދޭޝްގެ ބައެއް ސަރަހައްދުތަކަށްވެސް މި ދުވަސްވަރު ހޫނު ގަދައެވެ. ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ކެނޑުމާއި ކަރަންޓުގެ ދަތިކަން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.

ބަންގްލަދޭޝްގެ އެނާޖީ މިނިސްޓަރު ނަސްރުލް ހާމިދު ފޭސްބުކްގައި ވިދާޅުވީ ހޫނުގަދަވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"50 އަހަރުގެ ތެރޭގައި އެންމެ ހޫނުމިން އެންމެ މަތީ ދަރަޖައަށް އެރުމުގެ ސަބަބުން، މިހާރު ހީވެސް ނުކުރާ ވަރުގެ ހޫނުގަދަވުމުގެ ސަބަބުން ކަރަންޓަށް އޮތް ޑިމާންޑް ހީކުރި ވަރަށްވުރެ އިތުރުވެއްޖެ" ނަސްރުލް ހަމީދު ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ހުޅަނގާއި ވެރިރަށް ޑާކާ ފަދަ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން ވަނީ 43 ޑިގްރީ ސެލްސިއަސް އަށް އަރާފައެވެ. އިންޑިއާގެ ޓްރިޕޫރާ އާއި ވެސްޓް ބެންގާލް ފަދަ ސްޓޭޓްތަކުގެ ސްކޫލްތައް ބަންދުކުރަން ޖެހުނީ މި ދުވަސްވަރު ފިނިހޫނުމިން އާދަޔާ ހިލާފަށް ވުރެ މައްޗަށް ދިޔުމުންނެވެ.

ހޫނު މޫސުމުގެ ހޫނުކަން އަވަހަށް ފެށުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމަށާއި، އިންޑިއާ އާއި ޕާކިސްތާނުގެ ބިލިއަނަށް ވުރެ ގިނަ މީހުން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މި އަހަރުގެ ކުރީކޮޅު ބުނެފައި ވަނީ މާޗް މަހުން ފެށިގެން މެއި މަހާ ދެމެދު އެ ގައުމުގައި ހޫނު ގަދަވުމުގެ ފުރުސަތު މިހާރު ބޮޑު ކަމަށެވެ.