ރޯދަ މަހަކީ ވަރަށް ގިނަ ކާއެއްޗެހި ތައްޔާރުކުރާ މަހެކެވެ. ރޯދަ ވިއްލާ މޭޒުމަތީ ފުރާލަނީ އެކި ވައްތަރުގެ ކާތަކެތިންނެވެ. ހާރުކައި ނިމޭއިރުވެސް ރޯދަ ވިއްލާން މޭޒުމަތީގައި ބަހައްޓާ އެއްޗެހި ހުރެއެވެ. އެންމެ ފަހުން ޖެހެނީ އަނެއް ދުވަހު އެ ތަކެތި އުކާލަންށެވެ. ރޯދަ މަހު އިސްރާފުކުރުން ގިނަވަނީ މިހެންވެއެވެ. މިއީ ރާއްޖެއަށް އެކަނި ދިމާވާ ކަމެއް ނޫނެވެ. މުސްލިމުންގެ މެޖޯރިޓީ އޮންނަ މެލޭޝިޔާގައި ރޯދަ މަހު ގިނަ އަދަދެއްގެ ކާބޯތަކެތި އިސްރާފުކުރުން ވަނީ ސީރިޔަސް މައްސަލައަކަށްވެފައެވެ.

މެލޭޝިޔާގެ ސޮލިޑް ވޭސްޓް އެންޑް ޕަބްލިކް ކްލީންސިން މެނޭޖްމަންޓް ކޯޕަރޭޝަން (އެސްޑަބްލިއުކޯޕް) އިން ދައްކާ ގޮތުގައި ކޮންމެ އަހަރަކު ވެސް ރޯދަ މަހު އުކާލާ ކާބޯތަކެތީގެ މިންވަރު ދަނީ އިތުރުވަމުންނެވެ. މެލޭޝިޔާގެ ޑެޕިއުޓީ ލޯކަލް ގަވަމެންޓް ޑިވޮލޮޕްމެންޓް މިނިސްޓަރު އަކްމަލް ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހު އެސްޑަބްލިއުކޯޕުން ޖުމްލަ 252،521 ޓަނުގެ ކުނި ނަގާފައިވާއިރު އޭގެ ތެރެއިން 44.5 އިންސައްތައަކީ ކާބޯތަކެތީގެ ކުނި ކަމަށެވެ. އެއީ ގާތްގަނޑަކަށް 112،000 ޓަނެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކުނީގެ މިންވަރު 21 އިންސައްތަ އަށް އިތުރުވެފައިވާއިރު، މިއީ ސަރުކާރަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

އެސްޑަބްލިއުކޯޕުން ލަފާކުރާ ގޮތުގައި މިއަހަރުގެ ރޯދަ މަހު މެލޭޝިއާއިން އިތުރު 75،000 ޓަނުގެ ކާބޯތަކެތީގެ ކުނި އުފެދޭނެއެވެ.

އެސްޑަބްލިއުކޯޕްގެ ސީއީއޯ އިސްމާއިލް މޮހްތާރު ވިދާޅުވި ގޮތުގައި ކާބޯތަކެތީގެ ކުނީގެ މައްސަލައަކީ ހަމައެކަނި މެލޭޝިއާގައި ދިމާވާ އެންމެ ބޮޑު މައްސަލަ އެއް ނޫނެވެ.

އެހެންކަމުން ރޯދަ މަހު ކާބޯތަކެތީގެ ކުނީގެ ބާވަތްތައް މަދުކުރުމަށް ހޭލުންތެރިކަން އިތުރުކޮށް ހިތްވަރު ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެކަން ހައްލުކޮށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ.

ކުނީގެ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން އެސްޑަބްލިއުކޯޕުން ވަނީ ހަތް ސްޓޭޓެއްގެ ރަމަޟާން ބާޒާރުތަކުގައި ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މި ކެމްޕެއިންތަކުގެ ސަބަބުން ބާޒާރު ވިޔަފާރިކުރާ ފަރާތްތަކުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ބާރުއެޅުމާއި، ޒިޔާރަތްކުރާ ފަރާތްތަކުން އަމިއްލައަށް ކާބޯތަކެތީގެ ކޮންޓެއިނަރު ގެނެސް ވިސްނުންތެރިކަމާއެކު ގަތުމަށް ބާރުއަޅާނެއެވެ.

އެސްޑަބްލިއުކޯޕުން ވަނީ ހަރީ ރާޔާ ފެސްޓިވަލް ޕީރިއަޑްގައި 4،475 މަސައްކަތްތެރިންނާއި 588 މެޝިން ބަހައްޓައި، އުފެދޭ ކުނީގެ ބޮޑު މިންވަރެއް މެނޭޖްކުރުން ފަދަ އެހެނިހެން ފިޔަވަޅުތައް ވެސް އިއުލާނުކޮށްފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ގާތްގަނޑަކަށް 30 ޕަސެންޓް ކޮންމެ އަހަރަކު ގެއްލޭ ނުވަތަ ބޭކާރުވެއެވެ. އެއީ ގާތްގަނޑަކަށް 1.3 ބިލިއަން ޓަނުގެ ކާބޯތަކެއްޗާ އެއްވަރުގެ އަދަދެެކެވެ.