އިސްރާއީލުން މި ފަހުން ލުބުނާނާއި ގައްޒާއަށް ވައިގެ ހަމަލާތަކެއް ދިނީ، ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސްއިން އިޒްރޭލުގެ ތަންތަނަށް ހަމަލާތަކެއް ދިން ކަމަށް ބުނެ ބަދަލުހިފުމުގެ ގޮތުންނެވެ.
އިޒްރޭލަށް ރޮކެޓް ހަމަލާތައް ދީފައި މިވަނީ އަލްއަގްސާ މިސްކިތުގައި ނަމާދުކުރާ ތިބި ފަލަސްތީނު މީހުންނާ އިޒްރޭލު ފުލުހުންނާ ޖެހިޖެހިގެން ދެ ރޭ ވަންދެން ކުރިމަތިލުންތަކެއް ހިންގާފައިވާ ދަނޑިވަޅެއްގައެވެ.
މިއީ ކިހިނެއް ހިނގި ކަމެއް؟
ބުރާސްފަތި ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ، ލުބުނާނުން 34 ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި އޭގެ ތެރެއިން 25 ރޮކެޓް ހުއްޓުވާފައިވާ ކަމަށެވެ.
އަދި ހަތަރު ރޮކެޓް އިޒްރޭލަށް ވެއްޓިފައިވާ ކަމަށެވެ. މިއީ 2006 ވަނަ އަހަރު އިސްރާއީލާއި ހިޒްބުއްލޯ އާ ދެމެދު ހިނގި ހަނގުރާމައަށް ފަހު މިފަދަ އެންމެ ބޮޑު ހަމަލާއެވެ. ރޮކެޓް ހަމަލާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި 19 އަހަރުގެ ފިރިހެނަކާއި 60 އަހަރުގެ އަންހެނަކު ހިމެނެއެވެ.
https://twitter.com/Reuters/status/1644388315196448768
އިޒްރޭލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވެއެވެ. އެ ހަމަލާގައި ޓަޔާ ސިޓީގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލުބުނާނުގެ އަސްކަރިއްޔާއާއި އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ދަނީ އިޒްރޭލަށް ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ ހުކުރު ދުވަހު ލުބުނާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލުގެ ބޯޑަރު ކައިރީގައި އޮންނަ މަރްޖާޖޫން އަވަށުން ރޮކެޓް ލޯންޗަރަކާއި ގިނަ ރޮކެޓްތަކެއް ފެނިފައިވާކަން އިއުލާނުކޮށްފައެވެ.
ރޮކެޓްތައް ފޮނުވާލީ ކޮން ބައެއް ހެއްޔެވެ؟
ރޮކެޓް ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ގަބޫލުކުރާ ގޮތުގައި އެ ހަމަލާއަކީ ދާދި ފަހުން ގުދުސްގައި ހިނގި ހަމަނުޖެހުންތަކާ ގުޅުން ދިން ހަމަލާއެއް ކަމަށާއި އެއީ ހަމާސް ޖަމާއަތުން ނުވަތަ ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.
https://twitter.com/ashoswai/status/1644071116653174784
އަދި ހިޒްބުއްލޯ އާއި ލުބުނާނުގެ ސަރުކާރަށް ވެސް މި ހަމަލާގެ މައުލޫމާތު ލިބިފައިވުން އެކަށީގެންވާ ކަމަށް އިޒްރޭލުން ގަބޫލުކުރެއެވެ. އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލުބުނާނުން ދިން ރޮކެޓް ހަމަލާތަކުގައި އީރާނުގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.
ހަމާސްގެ މަންދޫބު އަހުމަދު އަބްދުލް ހާދީ ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާ ދިން ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައެވެ.
ފާއިތުވި އަހަރުތަކުގައި ހަމާސްގެ ގިނަ އޮފިޝަލުންނާއި މަންދޫބުން ލުބުނާނުގައި ތިއްބެވި އިރު، ބެއިރޫތަކީ އެ މީހުންގެ އޮޕަރޭޝަންތަކުގެ ބޭސްއެެކެވެ.
ފަލަސްތީނު އިސްލާމިކް ޖިހާދުގެ އިސް ލީޑަރެއް ކަމަށްވާ ދާއޫދު ޝިހާބް ވެސް ވަނީ ރޮކެޓް ހަމަލާގެ ޒިންމާ ނަގަން ޖެހޭ ކަމަށް އިސްރާއީލުން ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.
އިޒްރޭލުގެ ހަމަލާތަކުން ލުބުނާނާއި ސީރިއާގައި ތިބި ރައްޔިތުން ދިފާއު ކުރުމަށް އެ ޖަމާއަތުގެ އަސްކަރީ ފޯމޭޝަންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިޒްރޭލަށް ދިން އެ ހަމަލާގައި އެ މީހުންގެ ބައިވެރިވުން އޮތްކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ލުބުނާނުގެ ސަލާމަތީ އޮފިޝަލަކު ވިދާޅުވީ ރޮކެޓް ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ހިޒްބުﷲ އިން ނޫން ކަމަށެވެ. ޒިންމާ އުފުލަން ޖެހޭނީ އެ ގައުމުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށް ލުބުނާނުގެ ސަލާމަތީ ބާރުތަކުން ގަބޫލުކުރާ ކަމަށެވެ.
އެއީ އެހެން ކަމަކަށް ވެދާނެ ހެއްޔެވެ؟
ސީރިޔާގައި ހުރި އީރާނުގެ އަމާޒުތަކަށް އިޒްރޭލުން ދޭ ވައިގެ ހަމަލާތައް އިތުރުކުރުމާއެކު އެ ސަރަހައްދުގައި ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ދިމިޝްގު ކައިރިއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެގައުމުގެ އަސްކަރީ އެޑްވައިޒަރުންގެ ތެރެއިން ދެ މީހަކު މަރުވިކަން އީރާނުން މިދިޔަ ހަފުތާގައި ކަށަވަރުކޮށްދީފައިވެއެވެ. އެކަށީގެންވާ ވަގުތެއްގައި ރައްދު ދޭނެ ކަމަށް ބުނެފައިވެއެވެ. ލުބުނާނުން ހަތިޔާރު އެޅި މީހަކު މިދިޔަ މަހު އިސްރާއީލަށް އެތެރެވި ކަމަށް ބުނާ ހާދިސާވެސް ވަނީ ހިނގާފައެވެ.
ހިޒްބުއްލޯ ޖަމާއަތުގެ ޑެޕިއުޓީ ލީޑަރު ޝެއިހް ނާއިމް ހާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކަށްފަހު އެ ޖަމާއަތުން ތިބީ "ސަމާލުވެ" ކަމަށެވެ.
https://twitter.com/MeghUpdates/status/1643959190799679488
ލުބުނާނުގެ ސަރުކާރުން ވަނީ ރޮކެޓް ހަމަލާ ކުށްވެރިކޮށް، އެކަން ކުރި ފަރާތްތައް ހޯދުމަށް ތަހުގީގު ކުރާނެ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ހިޒްބުއްލޯ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ރޮކެޓް ހަމަލާއަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އީރާނުން ވަނީ ލުބުނާނާއި ގައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.