ފްރާންސް ރައީސް އިމަނުއެލް މެކްރޯން އަދި ފްރާންސް ސަރުކާރު ހޫނުފެނަށް ވެއްޓިފައިވާތާ އެތައް މަސްތަކެއްވެއްޖެއެވެ. ކަންކަން ގޯސްވި ހިސާބަކީ ރިޓަޔާކުރާ އުމުރުން 62 އިން 64 އަށް މަތިކުރަން ނިންމި ހިސާބުންނެވެ. އެއާއެކު މުޅި ފްރާންސުގައި މުޒާހަރާތައް ފެށުނެވެ. ހާއްސަކޮށް ވެރިރަށް ޕެރިހުގައެވެ.
މުޒާހަރާތައް ހޫނުވެ ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް ވަނީ ހިނގާފައެވެ. ޕާލިމެންޓުގެ އަގުލަބިއްޔަތުން ބިލް ފާސްނުވާނެ ކަމަށް ބެލެވޭތީވެ ސަރުކާރުން ވަނީ ގާނުނު އަސާސީގެ ބާރު ބޭނުންކޮށްގެން ބިލް ފާސްކޮށްފައެވެ. މަސްރަހު ހޫނުވެފައި ވަނިކޮށް ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން އަމަލު ކުރެއްވި ގޮތުން ފާޑުކިޔުންތައް މި ވަނީ އިތުރުވެފައެވެ.
ޕެންޝަނަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ޓީވީއަށް ދެއްވި އިންޓަވިއު ފެށިއިރު މެކްރޮންގެ އަތުކުރީގައި އަގުބޮޑު ގަޑިއެއް އަޅާފައި އޮތެވެ. އެކަމަކު ވަކި ހިސާބަކުން އަތުކުރީ އޮތް ގަޑި "ގެއްލޭ" އެވެ. ދެން ފެންނަނީ މޭޒު ދަށަށް ދެއަތް ތިރިކޮށްލައްވާުފައި ގަޑި ނަންގަވާ މަންޒަރެވެ.
އެ މަންޒަރު ވައިރަލްވެ އާންމުން ވަނީ ފާޑުކިޔަން ފަށާފައެވެ. އޭނާއަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ އަތުކުރީ އޮތް އަޅާފައި އޮތް ގަޑިން އަންގައިދެނީ މެކްރޯއަކީ އާންމުންނާ ނުގުޅޭ މީހެއްކަމެވެ. މަންދޫބުން ވިދާޅުވަނީ އޭނާ ގަޑި ނެންނެވީ މޭޒުގައި ގަޑި ޖެހޭތީ ކަމަށެވެ.
އެ ގަޑިއަކީ 80،000 ޔޫރޯގެ ގަޑިއެއް ކަމަށް ބުނެ އޮންލައިން ގައި ވަނީ ބަހުސް ކުރަން ފަށާފައެވެ. ނަމަވެސް އެލީސީ ޕެލަސްއިން ބުނި ގޮތުގައި މެކްރޯން އަޅުއްވަނީ ބެލް އެންޑް ރޮސް ބީއާރް ވީ1-92 މޮޑެލްގެ ގަޑިއެއް ކަމަށެވެ. އޮންލައިންކޮށް އެ ގަޑީގެ އަގު އުޅެނީ 1،660 ޔޫރޯ އާއި 3،300 ޔޫރޯއާ ދެމެދުއެވެ. އަދި އެ ގަޑި އަޅުއްވަމުން ގެންދަވާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް މެކްރޯންގެ އޮފީހުން ބުންޏެވެ.
މުއްސަނދިންނަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވާ މެކްރޮން އަށް، އޭނާއާ ސިޔާސީ ދެކޮޅު ފަރާތްތަކުން އަންނަނީ ގިނަ ދުވަސްތަކެއް ވަންދެން ފާޑު ކިޔަމުންނެވެ.
ފްރާންސުގެ ރައްޔިތުން އެމީހުން މާލީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް މުޒަހަރާކުރަމުން ދިޔަ ދަނޑިވަޅެއްގައި ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ ޖެފް ބެޒޯސްއަށް ފްރާންސްގެ އެންމެ މަތީ ޝަރަފު ދިނުމާ ގުޅިގެންވެސް މެކްރޯން އަށް ފާޑުކިޔުންތައް އަމާޒުވިއެވެ.
މެކްރޯން ވިދާޅުވީ ޕެންޝަން ބަޖެޓުގައި ޑެފިސިޓް ވުން ހުއްޓުވުމަށް ރިޓަޔާކުރާ އުމުރު މަތިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.