މިހާރު ކުރިއަށްދާ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފުލާގައި އެސޯސިއޭޝަނުގެ އެންމެ މޮޅު އެތުލީޓުންނަށް މިފަހަރުވެސް ފާތުމަތު ދީމާ އަލީ އާއި ފާތުމަތު ނަބާހާ ހޯދައިފިއެވެ.

މިދިޔަ އަހަރު ބާއްވަން ފެށި މި އެވޯޑްޝޯގައި ޓޭބަލް ޓެނިސްގެ އަންހެން ކެޓަގަރީން އެންމެ މޮޅު އެތުލީޓަކަށް ދީމާ މިރޭ ހޮވުނު އިރު، މިދިޔަ އަހަރުވެސް އޭނާ ވަނީ އެ މަގާމަށް ހޮވިފައެވެ. ރާއްޖޭގެ ގައުމީ މުބާރާތް ވެސް ކާމިޔާބު ކުރި ދީމާ މިފަހަރުގެ އެވޯޑް ހާސިލް ކުރީ އައިޝަތު ރަފާ ނާޒިމް އަދި ފާތިމަތު ޖުމާނާ ނިމާލްއާ ވާދަކޮށްގެންނެވެ.

ގައުމީ މުބާރާތްތަކާއި، ބައިނަލް އަގުވާމީ މައިދާނުގައި ވެސް ގިނަ ރަންވަނަ ތަކެއް ހޯދާފައިވާ ދީމާއަށް މިދިޔަ އަހަރުގެ ތެރޭގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކަށް ފައިސާގެ އިނާމު ވެސް މިރޭގެ ހަފުލާގައި ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ދީމާ މިދިޔަ އަހަރުގެ ތެރޭގައި ބައިނަލް އަގުވާމީ މުބާރާތްތަކުން ހޯދި ކާމިޔާބީއަށް އޭނާއަށް ވަނީ 285،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ އުންމީދީ ޒުވާން އެތުލީޓަކަށް ވެސް ދީމާ ވަނީ ހޮވިފައެވެ. ދީމާ ވަނީ މިދިޔަ އަހަރުވެސް އެންމެ އުންމީދީ އަންހެން އެތުލީޓުގެ މަގާމު ހޯދައިފައެވެ. އަދި އެހެންމެ ދީމާ ވަނީ މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމުވެސް ހޯދައިފައެވެ.

މީގެ އިތުރުން ނަބާހާ ވެސް ވަނީ ޖެހިޖެހިގެން ދެވަނަ އަހަރަކަށް އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. ނަބާހާ މި އެވޯޑު ހާސިލްކުރީ އައިމިނަތު ނަބީހާއާއި މައިސާއާ ވާދަކޮށްގެންނެވެ. ނަބާ އަދި ނަބީ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ގައުމީ އަދި ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވާދަކޮށް ވަނަތަކެއް ހޯދައިފައެވެ.

ނަބާ އަދި ނަބީ ހޯދި ކާމިޔާބީތަކަށް އެ ދެ ކުޅުންތެރިންނަށް ވެސް ވަނީ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.