މީހުން ސަލާމަތްކުރުމުގައި އަވަދިނެތި ސީރިއާގެ ރެސްކިއު ޓީމުން ހަރާކާތްތެރިވަނީއެވެ. ދިރިހުއްޓާ މީހަކު ފެނިދާނެކަމުގެ ކުޑަ އުއްމީދާ އެކުއެވެ. އެހެން ބުރަކޮށް މަސައްކަތު އުޅޭތާ ތިން ދުވަސް ވެއްޖެއެވެ. މޫނުމަތި މާޔޫސްވެފައި ތިބި މީހުންނަށް ހިނިތުންވުން ގެންނަން ނެގީ އިރުކޮޅެކެވެ. މުޅި ސަރަހައްދަށް އުފާވެރިކަން ގެނެސްދިނީ ދިރިތިއްބާ އާއިލާއެއް ސަލާމަތް ކުރެވެމުންނެވެ.

ޝޯޝަލް މީޑިއާގައި މި ވާހަކަތައް "ފަތުއަޑު" ކިޔާފައި އެބަ ދައުރުވެއެވެ. ބިންހެލުމުގައި ބިމާހަމަވެފައިވާ އިމާރާތުގެ ދަށުން ދެ އަންހެން ކުދިންނާއ ފިރިހެން ކުއްޖަކު ސަލާމަތްކުރާ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ. އެ ކުދިންތައް ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ސީރިޔާގެ ރެސްކިއު ޓީމުން އުފާފާޅުކުރަމުން ދިޔަ މަންޒަރުވެސް އެ ވީޑިއޯއިން ފެނެއެވެ. އެއަށް ފަހު ވަގުތުން އެ ކުދިން އެމްބިއުލާންސުން ހޮސްޕިޓަލަށް ގެންދެއެވެ. އެ ކުދިންނާއެކު އެ އިމާރާތުން ދެ މީހަކު ވެސް ސަލާމާތްތަކުރިއެވެ. އެއާއެކު މުޅި އާއިލާ މި ވަނީ އިމާރާތުގެ ދަށުން ސަލާމަތްވެފައެވެ.

https://twitter.com/MuhammadSmiry/status/1623029202508255243

ރެސްކިއު ޓީމުން ވަނީ ވަރަށް ތުއްތު ކުއްޖަކުވެސް ދިރިހުއްޓާ ސަލާމަތްކޮށްފައެވެ. އެ ކުއްޖާގެ އާއިލާގެ ހަތް މީހުން ވަނީ ބިންހެލުމުގައި މަރުވެފައެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ހާލު ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.

https://twitter.com/ABC/status/1623113401382625282

ތުރުކީގައި މިހާތަނަށް ވެއްޓިފައިވާ އިމާރާތުގެ ތެރެއިން ސަލާމަތްކުރި 8،000 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ފުޓުބޯޅަ ކުޅުންތެރިއަކު ވެސް ހިމެނެއެވެ. މި ބިންހެލުމުގައި އަނިޔާވެފައިވަނީ ތުރުކީގެ ހަތައިސްޕޯރްގެ ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކްރިސްޓިއަން އަޓްސޫއަށެވެ.

ބިން ހެލުމުގައި ސީރިޔާ އަދި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 12،000 އަށް އަރާފައެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ 3،300 އަށް ވުރެ ގިނަ މީހުން މަރުވެ މުޅި އަވަށްތައް ހަލާކުވެފައިވާ ހަތޭ ޕްރޮވިންސަށް ޒިޔާރަތް ކުރައްވައިފަ އެވެ. އަދި ސަލާމަތްކުރާ މީހުން އައުން ލަސްކަމަށް ބުނެ އެ އަވަށުގެ ރައްޔިތުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ބިންހެލުމުގެ ސަބަބުން ހަތޭ ޕްރޮވިންސްގެ އެއާޕޯޓުގެ ރަންވޭ ހަލާކުވުމާއި ގުޅިގެން ކާރިސާއަށް އިޖާބަ ދިނުމަށް ހުރަސްތަކެއް ދިމާވި ކަމަށް އުރުދުގާން ވިދާޅުވިއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުދަ ދުވަހު ބުނީ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސީރިއާއިން އިންސާނީ އެހީއަށް އެދިފައިވާ ކަމަށެވެ. އީޔޫގެ މަންދޫބަކު ވިދާޅުވީ ސީރިޔާ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމަށް އެހީވުމުގެ ގާބިލުކަމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

ސޫރިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ އދ.ގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު މުހަންނާދު ހާދީ ބުދަ ދުވަހު ވިދާޅުވީ، ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސޫރިޔާއަށް ބަބް އަލް-ހަވާ ބޯޑަރު ހުރަސްކޮށް، އދ.ގެ އެހީ ފޯރުކޮށްދެވޭނެ ހަމައެކަނި ޓާމިނަލަށް އަދިވެސް ނުވަދެވެނީ މަގުތައް ހަލާކުވެފައިވާތީ ކަމަށެވެ.