ޖެނުއަރީ ހަތް ވަނަ ދުވަހުގެ ރޭ 8:30 އެހާކަންހާއިރެވެ. ނުރައްކާތެރިކޮށް ދުއްވި ވެހިކަލެއް، އެމެރިކާގެ މެމްފިސް ސިޓީގެ ފުލުހުން ހުއްޓުވިއެވެ. އެއާއެކު އޮފިސަރުންނާއި ވެހިކަލް ދުއްވަން އިން މީހާއާ ދެމެދު ކުރިމަތިލުމެއް ހިނގިއެވެ. ވެހިކަލް ދުއްވަން އިނީ ކަޅު ނަސްލުގެ ނިކޮލަސް ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ހުއްޓުވަން ފުލުހުން މަސައްކަތްކުރުމުން ސީންއިން ފިލަން އުޅުނެވެ. އެހެންވެ އަނެއްކާވެސް ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ނިކޮލަސް ގެންދިޔައެވެ. އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ނޭވާލަން އުދަނގޫވެގެން ފުލުހުން ގާތުގައި ބުންޏެވެ. އެމްބިއުލާންސްގައި އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ނިކޮލަސް ގެންދެވުނެވެ. އޭގެ ތިން ދުވަސް ފަހުން މި މަހުގެ 10 ވަނަ ދުވަހު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިކޮލަސް މަރުވިއެވެ.

ޓެނެސީ ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ބުނީ ނިކޮލަސް މަރުވެފައިވަނީ އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށެވެ.

ނިކޮލަސްގެ މަރާއެކު އެކަމުގައި ޝާމިލުވާ ފުލުސް އޮފިސަރުން ސަސްޕެންޑްކުރިއެވެ. އަދި އޮފިސަރުން ބާރުގެ ބޭނުންކުރި މައްސަލައިގެ ތަހުގީގެއް ފެށިއެވެ.

ޖެނުއަރީ 15 ވަނަ ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހާދިސާއާ ގުޅޭ މައުލޫމާތުގެ އެކި ވަސީލަތްތައް ދިރާސާކުރުމަށްފަހު ވަގުތުން އަދި އެކަށީގެންވާ ފިޔަވަޅެއް އަޅަން ޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިއަދު އެ ޑިޕާޓްމަންޓުން ދަނީ އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކުގައި ޝާމިލްވާ އޮފިސަރުންނަށް ނޯޓިސް ދެމުން." ފުލުހުން ބުންޏެވެ.

[caption id="attachment_46939" align="aligncenter" width="1280"] ނިކޮލަސް ހައްޔަރުކުރުމުގައި އުޅުނު ފަސް އޮފިސަރުން ވަނީ ވަޒީފާއިން ވަކިށްކޮށްފައި[/caption]

ތަހުގީގަށް ފަހު ސީންގައި ހަރަކާތްތެރިވާ ފަސް އޮފިސަރަކު ވަޒީފާއިން ވަކިކުރިއެވެ. އެ މީހުން ވަކިކުރީ އުސޫލުތަކާއި ހިލާފުވެފައިވާތީއެވެ.

އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ އޮފިސަރުން ކަމަށްވާ ޓަޑަރިއަސް ބީން، ޑެމެޓްރިއަސް ހޭލީ، އެމިޓް މާޓިން ޑެސްމަންޑް މިލްސް ޖޫނިއާ އަދި ޖަސްޓިން ސްމިތު މަގާމުން ވަކިކުރީ ބާރުގެ ބޭނުންކޮށްފައިވާތީ ކަމަށެވެ. އަދި އެމީހުންނާ ދެކޮޅަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

ނިކޮލްސްގެ އާއިލާގެ ވަކީލް ބެން ކްރަމްޕް އެދުނީ ޓްރެފިކް ފުލުހުން ނިކޮލަސް ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ބޮޑީ ކެމެރާ އާއި ސަވައިލެންސް ފުޓޭޖް އާއްމު ކުރުމަށެވެ.

ފުލުހުންގެ ބޮޑީ ކެމެރާ އާއި ސަވައިލެންސް ވީޑިއޯ އާންމުކޮށްފައިވާއިރު، އޮފިސަރުން މަދުވެގެން ނުވަ ފަހަރެއްގެ މަތިން ނިކޮލްސް އަށް ހަމަލާދިނެވެ. އޭނާގެ މޫނުމަތީގައި އޮފިސަރުން ދިޔައީ ތަކުރާރުކޮށް ތަޅަމުންނެވެ.

ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ދުއްވަން އިން ވެހިކަލުން ނިކޮލަސް ނެރެެ ފައިގައި ހިފައި ޕޭވްމަންޓު މައްޗަށް ބާރަށް ވައްޓާލާ މަންޒަރެވެ. "އަހަރެން އެއްވެސް ކަމެއް ނުކުރަން" ކަމަށް ނިކޮލަސް ދިޔައީ ބުނަމުންނެވެ. އެއަށް ފަހު އޭނާގެ މޫނަށް ޕެޕަސްޕްރޭ ޖަހައެވެ.

https://twitter.com/NawNiccaNaw/status/1619219488876154884?t=2ruxQQiQEuUw9CTDqtAT_w&s=19

ނިކޮލަސް ދުއްވައިގަންނަން އުޅުމުން އޮފިސަރުން ޓޭޒާގަން ބޭނުންކުރެއެވެ. ދެން ފެންނަނީ ފުލުހުން އަނެއްކާވެސް އޭނާ ބިން މައްޗަށް ވައްޓާލާތަނެވެ. އަދި ބޫޓުން އޭނާގެ މޫނުގައި އެތައް ފަހަރަކު ފުލުހުން ތަޅަމުންދެއެވެ. އެހީއަށް އެދި މަންމާއެކު ކިޔައި ނިކޮލަސް ގޮވަމުން ދިޔައެވެ. ނިކޮލަސް ތެދުވާން މަސައްކަތްކުރުމުން ދެ އޮފިސަރަކު އޭނާ ވަށާލައި އަނިޔާކުރަމުންދެއެވެ. އޭގެ އިރުގަޑެއް ފަހުން އެމްބިއުލާންސަށް އަރުވައިގެން ނިކޮލަސް ގެންދެއެވެ.

ނިކޮލަސް އަނިޔާކުރަން މެދުވެރިވި ސީދާ ސަބަބެއް އެ ވީޑިއޯއިން ހާމައެއް ނުވެއެވެ. އެ ހާދިސާ ހިނގިގޮތުގެ ތަފްސީލު ހިމެނޭ ވީޑިއޯ އާއްމުކުރާނެ ކަމަށް ޝެލްބީ ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީ ސްޓީވް މުލްރޯއީ ވަނީ ވިދާޅުވެފައެވެ.