ކޮވިޑްގެ ބަލިމަޑުކަމާއެކު މުޅި ދުނިޔޭގެ އިގްތިސާދަށް އައިލޮޅުމުގެ އަސަރު ރާއްޖެއަށްވެސް ކުރިއެވެ. އޭގެ ކުރިން އިގްތިސާދީ ދުވެލި 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް އެވަރެޖްކޮށް 6.5 ޕަސެންޓުގައި އައީ ކުރި އަރަމުންނެވެ. އިގްތިސާދުކޮޅަށް ޖެހުމަށް ސަރުކާރުން ދިޔައި ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ.

މި އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައިވާ ގޮތުން 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި 12.3 ޕަސެންޓަށް ވުރެ ކުރިއަރާނެއެވެ. މިދިޔަ އޮކްޓޫބަރު މަހު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ކޮވިޑުގެ ކުރިން ގައުމުގެ އިގްތިސާދު އޮތް ހާލަތަށް ދާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ 17 ޕަސެންޓުގައި ކުރިއަރާނެތީއެވެ. އަމީރު ވިދާޅުވީ، އިގްތިސާދު ކުރިއަރާއިރު ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރަނީ 1.8 މިލިއަން ކަމަށެވެ.

[caption id="attachment_34734" align="aligncenter" width="1280"] ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ޖަލްސާއެއްގައި ---[/caption]

މިނިސްޓަރު އެކި ފަހަރުގެ މަތިން މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އިގްތިސާދު ބަގުރޫޓްވެދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ދިޔައީ ކެނޑިނޭޅި ބުނަމުންނެވެ. ސަރުކާރުން ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އިގްތިސާދު ފުނޑާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު އެ ޕާޓީން ދިޔައީ ކުރަމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ގެންދެވީ ހަމަ މި މޭރުމުން ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ގޮވާލައްވަމުން ގެންދަވަނީ ދަރަނި ރީސްޓްރަކްޗާ ކުރުމަށެވެ. އަދި ރާއްޖެ ބަނގުރޫޓުވުމުގެ މަގަށް ދާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި، ހުންނަވަން ލަދުވެތިވާ ކަމަށް ވެސް ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ.

އެކަމަކު އެ ވާހަކަތަކަކީ އެންމެ ސައްހަ ވާހަކަތަކެއް ނޫންކަން މިއަދު ވަނީ ވަރަށް ސާފުކޮށް އެނގިގެން ގޮސްފައެވެ. ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުންނެވެ. ރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް އިގްތިސާދު ކުރިއަރާ އެއް ގައުމަކަށް ދިވެހިރާއްޖެ ވާނެއެވެ. ވޯލްޑްބޭންކުން އެހެން ބުނެފައި މި ވަނީ މި މަހު ނެރުނު އެ ޖަމިއްޔާގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައެވެ. އެ ރިޕޯޓުގައިވާ މިދިޔަ އަހަރަށް ލަފާކުރި އިގްތިސާދީ ދުވެލި ވަނީ 7.6 އިންސައްތަ އިން 12.4 އިންސައްތައަށް މަތިކޮށްފައެވެ. މިއީ ކުރިން ލަފާކުރި މިންވަރަށްވުރެ ބާރަށް ރާއްޖޭގެ އިގްތިސާދު ކޮވިޑް-19 ގެ ހާލަތުން އަރައިގަނެފައިވުމެވެ.

https://twitter.com/iameeru/status/1613423176209555456

އަދި މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލީގެ ފޯކާސްޓް ވަނީ 8.2 އިންސައްތައަށް ލަފާކޮށްފައެވެ. މި އަންދާޒާތަކަކީ ފިނޭންސް މިނިސްޓްރީ އަދި އެމްއެމްއޭގެ އަންދާޒާތަކަށްވުރެވެސް މަތީ އަދަދެކެވެ. "ރާއްޖެ، އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދުގެ ގޮތުގައި ދެމިއޮންނާނެ ލަފާކުރެވޭ،" ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުންޏެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ގިނަ އަދަދެއްގެ ފަތުރެވެރިން އައުމާއެކު އުމްރާނީ ގޮތުން ހިންގާ މަޝްރޫއުތައް ގިނަވުމެވެ.

ވޯލްޑް ބޭންކުގެ އެ ރިޕޯޓުން ހާމަވި އެއްކަމަކީ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފައްދެމުގެ ނިޔަތުގައި އިގްތިސާދާ ގުޅުވައި ދައްކަމުން ދިޔަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމެވެ. އަދި މި ސަރުކާރުން ދައްކަމުން ދިޔައީ ތެދު ވާހަކަތަކެއްކަމެވެ.