ސަރުކާރާ ދެކޮޅަށް އަންނަ މަހުގެ 3 ވަނަ ދުވަހު ރާއްޖެ ސިއްސައިގެންދާވަރުގެ ބޮޑު އެއްވުމެއް ބާއްވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ސަރަހައްދުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ދޮގު ވައުދުތައް ހާމަކުރުމަށް މި އެއްވުން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އެދެނީ މި ސަރުކާރުގެ ސަބަބުން ދެރަ އާއި ނިކަމެތި ކަމާއި މާޔޫސްކަން ކުރިމަތިވެފައިވާ އެންމެން އެމްޑީޕީން ހިންގާ ހަރަކާތުގައި ބައިވެރިވުމަށް. އޮކްޓޯބަރު ތިން ވަނަ ދުވަހު މާލެއަށް ދިއުމަށް ގޮވާލަން،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ވެރިކަމަށް އައީ މާ މޮޅަށް ވެރިކަން ކުރާނެ ކަމަށް ބުނެ އޮޅުވާލައިގެންނެވެ. ނަމަވެސް ވެރިކަމަށް އައުމަށްފަހު ދައުލަތުގެ މާލިއްޔަތު ލޫޓުވާލައި، ދިވެހި ރައްޔިތުން ބިކަކޮށް، ދިވެހިންގެ އަތްމަތި އެއްކޮށް ހުސްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް 200,000 ރުފިޔާ ނަގުދު ފައިސާއިން ދޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެން، އެ ވައުދު އޮޅުވާލާފައިވާ ކަމަށާއި، އަދި ހިޔާ ޓަވަރުތަކުގައި އެއް އަހަރު ތެރޭ އިތުރު ލިފްޓު ހަރުކުރާނެ ކަމަށް ވެފައިވާ ވައުދުވެސް ފުއްދާފައިނުވާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.

އޮކްޓޯބަރު 3 ވަނަ ދުވަހު ބާއްވާ ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އެމްޑީޕީން ކުރިއަށް ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.