މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫން ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި މިއަދު ކުރިއަށްދާ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަގުރީރު ކުރައްވަވާ ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނުގެ ތަގުރީރުގައި ތޫފާނީ ބާރު ގަދަވުމަކީ އިގްތިސޯދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
މި ފޯރަމްގައި ނާއިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށާއި، ކާރިސާތައް މެނޭޖްކުރުމަށްޓަކައި، ހަރަކާތްތެރި ލީޑަރޝިޕެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
އަދި ބޮޑެތި އިގްތިސޯދުތަކުން މޫސުމީ ބަދަލުތަކަށް ވެފައިވާ ވައުދުތަކަށް އިހްތިރާމްކޮށް، އެގައުމުތަކުގެ އަމަލުތައް އެއްގޮތް ކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ހަމަޖެހުން ބަރޯސާވަނީ ފަރުދީ އަމަލުތަކުގެ މައްޗަށް ނޫންކަމާއި، އިތުބާރުގެ މައްޗަށްކަން ގަބޫލުކުރަން ޖެހޭ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ، ސަރުކާރުގެ ކޮންމެ ނިންމުމެއްގެ މައިގަނޑު އަސާސަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ.
އިޖުތިމާއީ، އިގްތިސާދީ އަދި މާލީ ގޮތުން ކަމުގައި ވިޔަސް، ކޮންމެ ނިންމުމެއް ނިންމުމުގެ ކުރިން، މޫސުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ކޮބައިކަން ފުރަތަމަ ސުވާލު ކުރަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެކަނި ވައުދުތަކެއް ވުމުގެ ބަދަލުގައި، އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައިނަލްއަގުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
އެ ތަގުރީރުގައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މި ފަހަކަށް އައިސް ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އަދި މިކަންކަމަށް ހައްލު ހޯދައި، ކާރިސީ ހިރާސްތައް ކުޑަކުރުމަކީ މިހާރުން މިހާރަށްވެސް އިސްކަންދޭ ކަމެއް ކަމަށާއި، ދިވެހި ރައްޔިތުން ގެންދަވަނީ މި ރޮނގުން ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ.
ކޮޕް-28 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވި ބޮޑު އަމާޒު، ނުވަތަ 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އުފެއްދުމަށް ދިވެހި ރާއްޖެއިން ހިފާފައި އޮތް ވަރުގަދަ އަމާޒުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ތަޤުރީރުގައި އަލިއަޅުއްވާލެއްވިއެވެ. އަދި 2024 އިން 2033 އަށް ކަނޑައަޅާފައިވާ ހަކަތައިގެ މަގުޗާޓު ފަދަ މަޝްރޫޢުތައް ފުރިހަމަވެ، ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރާ މި ދަތުރުގެ ސަބަބުން ފޮސިލް ފިއުލަށް ބަރޯސާވުން ކުޑަވެ، ހަކަތައިގެ ރައްކާތެރިކަން އިތުރުވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.