އަޟްހާ އީދުގެ އުފާ ފާޅުކުރަމުންދާއިރު، ފަލަސްތީނުގައި ހާލުގައި ޖެހިފައިތިބި ރައްޔިތުންނާ އެކު ތިބިކަން އަންގައިދިނުމުގެ ގޮތުން، ދ. ކުޑަހުވަދޫގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.

ކުޑަހުވަދޫ ކައުންސިލާއި އަތޮޅު ކައުންސިލުން އިސް ނަގައިގެން ރަށުގެ އެކި މަގުތަކުގައި މިއަދު ހަވީރު ވަނީ ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. އެކި އުމުރުގެ މީހުން ބައިވެރިވި ހިނގާލުމުގައި ފަލަސްތީން މިނިވަންކުރުމަށާއި އެ ރައްޔިތުންނަށް ވީ ވަރަކުން އެހީތެރިވުމަށް ގޮވާލައި، ލިޔެފައިވާ ޕޯސްޓަރުތަކެއް ވަނީ ބޭނުންކޮށްފައެވެ.

މި ހިނގާލުމުގައި ‎ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޑަހުވަދޫގައި މިއަދު ބޭއްވި ހިނގާލުން: މި ހިނގާލުމުގައި ގިނަ ބަޔަކު ބައިވެރިވި-- ފޮޓޯ/ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ

ކުޑަހުވަދޫ ކައުންސިލްގެ މެމްބަރު އައިޝަތު ނަޝީދާ "ހަތާވީސް"އަށް ވިދާޅުވީ އެ ހިނގާލުމަކީ މި އީދުގައި ކުރިއަށް ގެންދިއުމަށް ޝެޑިއުލްކުރެވިގެން ކުރިއަށް ގެންދިޔަ ހިނގާލުމެއް ކަމަށެވެ. އީދުގައި އުފާ ދިވެހިން ފާޅުކުރަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ކުޑަހުވަދޫ ރައްޔިތުން ހަނދާން ހުރިކަން އެ އެއްވުމުން ދައްކައިދީފައިވާނެ ކަމަށް ނަޝީދާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހިނގާލުމުގައި ފަލަސްތީނަށް އެހީތެރިވުމަށް ފަންޑުފޮށިތައް ރަށުގެ ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާނެ ކަމަށެވެ.

ކުޑަހުވަދޫގައި މިއަދު ބޭއްވި ހިނގާލުމަށްފަހު ފައިސާ ހަދިޔާކުރަނީ: މިއީ ދ. އަތޮޅު ކައުންސިލާއި ކުޑަހުވަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ހިނގާލުމެއް-- ފޮޓޯ/ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ

ފަލަސްތީނުގެ ބިމަށް އިޒުރޭލުން ވެރިވެގަނެ، ގަތުލްއާންމު ހިންގަމުންދާ އަނިޔާވެރި ޔަހޫދީ ދައުލަތާ ދެކޮޅަށް ތ. ހިރިލަންދޫގައި ވެސް އިއްޔެ ވަނީ ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ. ހިރިލަންދޫ އީދު ކުޅިވަރުތައް މަޑުޖައްސާލައި، އެ ހިނގާލުން ކުރިއަށް ގެންދިޔައީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ދެކިގެން ކަމަށް އެ ރަށު ކައުންސިލުން "ހަތާވީސް"އަށް ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒުރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި 37،000 ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.