ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެއެވެ.

އޮކްޓޫބަރު، 2021 ގައި ރާއްޖޭގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އާއި އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ ލަމްހާގެ މައްޗަށް ދައުވާ ކުރެއެވެ. ދައުލަތުން ތުހުމަތު ކުރަނީ މާވިން އާއި ލަމްހާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ ކަމަށެވެ.

އެ މައްސަލާގައި 15 ހެއްކެއްގެ ހެކިބަސް ނުނެގި އެބައޮތެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ އެ މައްސަލާގެ ހެކިބަސް ނެގުމުގެ މަރުހަލާ އަންނަ މަހު ނިންމާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިހާތަނަށް ހެކިބަސް ނުނެގި ތިބި މީހުންގެ ތެރޭގައި މުހިންމު ރިޕޯޓްތަކެއް ތައްޔާރުކުރި ޑޮކްޓަރުންތަކެއް ވެސް ހިމެނެ އވެ. ދައުލަތުން ބުނީ އެ ޑޮކްޓަރުންގެ ހެކިބަސް ނުނެގި އޮތީ އެ މީހުންނަކީ އިންޑިއާގައި ތިބި އެ ގައުމުގެ ރައްޔިތުންތަކެއް ކަމަށްވާތީ އިންޑިއާ ސަރުކާރުގެ ހުއްދަ ހޯދަން ޖެހޭތީއެވެ.

ލަމްހާގެ ވަކީލުން ބުނީ ދައުލަތުން ހަމަޖައްސަން ޖެހޭ އިންތިޒާމެއް ހަމަނުޖެއްސޭތީ ލަމްހާ އެތައް ދުވަހެއް ވަންދެން ބަންދުގައި ހޭދަކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ ޑޮކްޓަރުން ރާއްޖޭގެ އެމްބަސީއަށް ހާޒިރު ކުރަން އުނދަގޫވާނަމަ ޓިކެޓް ދީގެން އެ ހެކިން ރާއްޖެ ގެންނަންޖެހޭ ކަމަށް ވަކީލުން ބުންޏެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ވަނީ އައިޖީއެމްއެޗްގައި މޭރީ އަދި މާވިންއާ އެކު މަސައްކަތްކުރި ދެ ނަރުހުންގެ ހެކިބަސް ނަގައިފައެވެ. އެ ދެ ނަރުހުން ވެސް ބުނީ ހޮސްޕިޓަލަށް ދިޔައިރު، މޭރީގެ ހަށިގަނޑު ފެނުނު ކަމަށެވެ. އޭރު މޭރީގެ މޫނު އޮތީ ނޫފައިގެންފައި ކަމަށް އެ ދެ ނަރުހުން ބުންޏެވެ.

މީގެ އިތުރުން ދައުލަތުން ވަނީ އެ މައްސަލާގައި ބާކީ ތިބި ހެކިންގެ ތެރެއިން ހަތަރު މީހެއްގެ ހެކިބަސް ނުނަގަން ދައުލަތުން ވަނީ ނިންމައިފައެވެ.