ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއާއި ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމް.އޭ.ސީ.އެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ލަމްޢާންއެވެ.
ޖެންޑާގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފްއެވެ.
އެ ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލަމްޢާން ވިދާޅުވީ އެ ޕްރޮގްރާމްގެ ތެރެއިން އިންޓާންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކުންފުނިން މަސައްކަތްތައް ކުރާނެ ކަމަށެވެ.
އެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އާތިފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް ހުނަރުވެރި ފަރާތްތައް ކަމަށާއި އެ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ ސަމާލުކަން ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ މުޖުތަމައުގައި ހަމަހަމަ ކަމުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު އެ އެއްބަސްވުމުގެ ދަށުން އެފަދަ ފަސް މީހުންނަށް އެމް.އޭ.ސީ.އެލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމަޢުގައި ބާރުވެރިކުރުމާއި ހުރިހާ ފަރާތްތަކެއް ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަކީވެސް މީގެ މަޤްސަދެކެވެ.
އެމް.އޭ.ސީއެލްއިން މީގެކުރިންވެސް ވަނީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.