ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެހެންނަމަވެސް މަޖިލީހުގެ އެއްބާރުލުން އެކަމަށްް ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މ. މެޑަލްމާގޭ، އިސްމާއީލް ނިޔާޒް، ވަނީ ރިޔާސީ އިންތިހާބުގައި ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން ފަސް އަހަރުގެ ދައުރުގައި ކިހާ ވައުދެއް ފުއްދޭނެތޯ ރައީސްގެ އަރިހުން ސުވާލު ކޮށްފައެވެ.

ނިޔާޒުގެ އެ ސުވާލަަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ދިވެހި ރައްޔިތުންގެ ގާތުގައި ވެވަޑައިގެންނެވި ކޮންމެ ވައުދެއް ވެސް ފުއްދޭނެކަން ޔަގީންވާ ކަމަށެވެ. އަދި އެ ވައުދުތައް ވެވަޑައިގެންނެވީ ފުއްދޭނެ ގޮތް އެނގިވަޑައިގަންނަވާތީ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސްގެ ޖަވާބުގައި ވެރިކަމުގެ ފުރަތަމަ 14 ހަފުތާއަށް ކަނޑައެޅި ހުރިހާ ވައުދެއް ވެސް 97 ޕަސެންޓާއި ހަމައަށް ފުއްދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލިސް ތެރެއިން ގިނަ ގާނޫނުތައް ހަދަން ބޭނުންވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދާއިރާއިންނާއި އުމްރާނީ ތަރައްގީގެ ދާއިރާއިން އަދި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ވަރަށް ބޮޑު ލެޖިސްލޭޓިވް އެޖެންޑާއެއް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޖަވާބުގައި ވައުދުތަކުގެ އެންމެ ބޮޑު އިންސައްތައެއް ބަރޯސާ ވަނީ މަޖިލީހުން ފާސްކޮށްދޭ ބަޖެޓަށްކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިއަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ހިމެނި ގިނަ ކަންތައްތަކެއް މަޖިލީހުން ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި އަދި ހިނގަމުންދާ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަން ބަޖެޓް ފާސްކޮށްފައި އޮތް ގޮތުން ދަތިތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބައޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑު ވީ ހުރިހާ ވައުދެއް އަޅުގަނޑަށް މި ދައުރުގައި ފުއްދޭނެ، އެހެން ނަމަވެސް، ވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާ ކަންކަމެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައްޔިތުން އެގޮތަށް އެކަން ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.