ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރިހާ އުސޫލުތަކާ ހިލާފަށް މަޝްރޫއުތައް ސިޔާސީ ބޭނުމަކަށް ބަދަލުކުރުން ވަގުތުން ހުއްޓާލުމަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން މިގޮތަށް ބުނެފައި ވަނީ ފ. މަގޫދޫގައި ކުރީ ސަރުކާރުން ތަރައްގީ ކުރަން ފެށި އެއާޕޯޓުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި ވާތީ އެކަމާއި އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތަރައްގީ ކުރަން ފަށާ އަހަރު ދުވަސްތެރޭގައި މަސައްކަތުގެ ބޮޑުބައި ނިންމާލެވިފައިވާ މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ސިޔާސީ ބޭނުމަށް އެއްކޮށް ހުއްޓާލާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އަދި އެކަން ކުށްވެރިކުރާ ކަމަށެވެ.
ދައުލަތުގެ ވަސީލަތްތައް އެއްވެސް ރޭވުންތެރިކަމެއް ނެތި ބޭނުންކުރުމަށް, ތަރައްގީއަށް ހުރަސް އެޅޭ ގޮތަށް ބަދަލުކުރަމުން ދިއުމަކީ އެޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ ގޮވާލައިފައެވެ. އަދި އެފަދަ ކަންކަމަކީ ދައުލަތުގެ މާލިއްޔަތަށާއި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެ ފަދަ ކަންތައްތައް ކަމަށް ވެސް އެޕާޓީން ބުންޏެވެ.
"ފ. މަގޫދޫގައި ރައީސް ސޯލިހުގެ ސަރުކާރުން އެއާޕޯޓުގެ މަސައްކަތުގެ 70 ޕަސެންޓު ވަނީ ނިންމާފައެވެ. މި އެއާޕޯޓްގެ ފަޔާރ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު، ފިނިޝިންގެ މަސައްކަތްވެސް ވާނީ 15 ނޮވެމްބަރ 2023 ހަމަޔަށް ފަށައިފައެވެ" ބަޔާނުގައިވެއެވެ.
އެމްޑީޕީން ތުހުމަތު ކޮށްފައިވާ ގޮތުގައި ފ. މަގޫދޫ އެއާޕޯޓު މަސައްކަތް ކެންސަލްކޮށް ފ.ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމާ އަވަސް އަރުވާލައިގެން އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ފަށައިގަތީ ރައީސް ޑރ. މުއިއްޒުގެ ކޮއްކޯފުޅު އަދި ޕީއެންސީގެ ކެނޑިޑޭޓު ފާތުމަތު ސައުދާއަށް އިންތިހާބު ކާމިޔަބު ކޮށްދިނުމަށް ކަމަށެވެ.
"އަދި މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް, ފ. އަތޮޅާއި ރާއްޖޭގެ ތަރައްގީއަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް ދައުލަތުގެ ހަޒާނާއިން އިސްރާފުކުރުންކަން ފާހަގަކޮށް އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ. މިފަދަ ކަންކަމަކީ ދިވެހި ދައުލަތް ހިންގުމުގެ ތެރެއިން މިދިޔ 5 އަހަރު ފޮހެލެވިފައިވާ ކަންކަން އަލުން އިއާދަވުންކަން ހިތާމައާއެކު ފާހަގެކުރަމެވެ" އެމްޑީޕީން ބުންޏެވެ.
އެޕާޓީން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ 20ވަނަ ދައުރުގައި އެފަދަ ތަރައްގީގެ މަޝްރޫއުތައް އެގޮތަށް ބަދަލުކުރުމާ ހުއްޓާލުން ގާނޫނީ ގޮތުން މެދު ނުކެނޑި ކުރިއަށް ގެންދެވޭނެ ގާނޫނީ ހައްލެއް އެޕާޓީން ހޯދައިދޭނެ ކަމަށެވެ.