ޕީޕީއެމް/ޕީއެންސީ އަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ، ކުރީ ސަރުކާދުން ދޫކުރި ފްލެޓުތައް ދޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަފުޅު ލިސްޓަކަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިރޭ ބޭއްވި މަޖިލިސް ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަށް ކުރީ ސަރުކާރުން ދީފައިވާ ފްލެޓާ ގޯތިތައް އޮޅާލާނެ ކަމަށެވެ.

އެކަމުގައި އިހުލާސްތެރި ކަމެއް ހުރި ނަމަ، ތިން ހަތަރު މަސްވާއިރު ފްލެޓުތައް ހަވާލުނުކޮށް ނުހުންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒަށް ފާޑު ވިދާޅުވެ އިބޫ ވިދާޅުވީ ފްލެޓާ ގޯތިތަކުގެ ލިސްޓު ނިންމާފައި އޮތީ ވަރަށް ހާމަކަމާއެކު ކަމަށެވެ.

ރައީސް އިބޫ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ——

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވީ ސަރުކާރުގެ އެއްވެސް ލިޔުމެއް ލިބިފައިވާ ނަމަ ޝައްކު ނުކުރެއްވުމަށް ކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގެން އެ ވާހަކަ ވެސް ބަދަލުވެއްޖެ ކަމަށް އިބޫ ވިދާޅުވިއެވެ.

އޭސީސީން އެ މައްސަލަ ބަލާ ނިމުމުން ވެސް ސަރުކާރުން އެކަން ދިރާސާ ކުރަން ބޭނުންވެ ކޮމެޓީއެއް އެކުލަވާލާފައި ވާތީ އެކަމަށް ވެސް ރައީސް އިބޫ ފާޑު ވިދާޅުވިއެވެ. އިބޫ ވިދާޅުވީ އެ ކޮމެޓީ ހެދުމުގެ ބޭނުމަކީ ވެސް މަޖިލިސް މެޖޯރިޓީ ލިބޭނެ ކަމަށް ބަލާފައި ފްލެޓުތައް ނުދީ ދިގު ދަންމާލުން ކަމަށެވެ.

މީގެއިތުރުން ވެސް ރައީސް މުއިއްޒަށް ހީފުޅުވެފައި އޮތީ ދިވެހިންނަކީ ގަމާރު ބައެއް ކަމަށާއި ނަމަވެސް މިއަދު ދިވެހިންނަކީ އެހާ ގަމާރު ބައެއް ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

އެއާޕޯޓް 25 މިލިއަން މީހުން އެރައިވްވާ ގޮތަށް ހަދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ އެއީ މުޅި ސިންގަޕޫރާއި އަދި ދުބާއީގައިވެސް ނުވާ ވަރު ކަމަށެވެ.

"ދެން އެދިޔަ ބާރު މިނުގައި ގޮސް ގދ. ތިނަދޫއަށް ގޮސް އެތަނުގައި އަޅައިފި ބޮޑު އެއާޕޯޓެއް. އަނެއްކާވެސް 500 މިލިއަން ޑޮލަރު. ދެން ދިޔައީ ވިލިނގިލިއަށް. ވިލިނގިލީގައި އެއަށްވުރެ ބޮޑު އެއާޕޯޓެއް އެއަށްވުރެ ބައިވަރު ފައިސާއަށް،" އިބޫ ވިދާޅުވިއެވެ.