ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ކޯޓުން އެގޮތަށް އެންގީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނެރުނު ވަގުތީ އަމުރުގަ އެވެ.

އެ މައްސަލަ ނިމެންދެން އެ މާއްދާތަކަށް އަމަލު ކުރުން މަޑުޖައްސާލަން އެ އަމުރުގައި އަންގާފައިވެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަމަށެވެ.

އަދި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން އޮތީ މަޖިލީހުގެ ކޯރަމަކީ ކޮބައިކަން އެނގިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޯޓު އަމުރު މަޖިލީހުގެ މައްޗަށް ނެރެފައި ވަނީ މައްސަލަ ނިންމުމެއް ނެތި، ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް ބާރު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނަ ކަމަށާއި އެހެންވެ މެމްބަރުންގެ އަދަދު ގުނާ މެދު ވެސް ގޮތް ނިންމާނީ ވެސް މަޖިލީހުން ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގައި ނެތް ބަޔަކު ލައިގެން އެއީ މަޖިލީހުގެ އަދަދު ކަމަށް ކަނޑައެޅުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ކޮމިޓީތަކާއި ބަހުސް އަދި ވޯޓުގައި ބައިވެރިނުވެވޭ ބަޔަކު ހިމަނައިގެން ޖުމްލަ އަދަދު ގުނަން ޖެހުމަކީ މީހުން މަރުވުމުން ވެސް އެ މީހުން ހިމެނުން ކަހަލަ ކަމެކެވެ.

"އެހެންވިއްޔާ މި އަހަރު ރޯދަ މަހު ކަދުރު ބަހާއިރު ގޭގޭގައި މަރުވެފައި ތިބި މީހުން ވެސް ލައިގެން ސަރުކާރުން އެ އެއްޗެހި ފޮނުވަން ޖެހޭނީ،" ސްޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ރޮޒައިނާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ ކޯޓެއްގައި ޝަރީއަތް ހިނގަމުން އަންނަ މައްސަލައަކާ ގުޅިގެން ބަހުސް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުން ސާފުކޮށް އެނގެން އޮތް ކަމަށެވެ.

މަޖިލީހުން އެ މައްސަލާގައި ގޮތެއް ކަނޑަޅަނީސް މަޖިލީހުގެ ކޯރަމަކީ 87 ކަމަށް ބަލައި، އަސްލަމް މަޖިލިސް ފެއްޓެވުމުން އެކަމުގައި މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އެހެން ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިހްތިރާމުކުރުމުގެ ގޮތުން 87 މެމްބަރުންނަކީ މިއަދުގެ މަޖިލީހުގެ ޖުމްލަ އަދަދު ކަމަށް ބަލައިގެންފައޭ. އެއީ، މަޖިލީހުގެ ރިޔާސަތުން އަޅުގަނޑުކޮށްގެން އުޅޭ ކަމެއް. ގޮތް ނިންމާނީ މަޖިލީހުގެ މެމްބަރުން."

އަސްލަމްގެ އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ ރައީސަަށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 87 ކަމަށް ނުނިންމޭނެ ކަމަށާއި އެއީ މެމްބަރުންނަށް ލިބިފައިވާ ބާރެއް ކަމަށެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ މަޖިލީހުން ނިންމާފައި އޮތް ގޮތެއް އެހެން ފަރާތަކަށް ބަދަލުކުރެވޭނެ ކަމަށް ގަވާއިދުގައި ނެތް ކަމަށެވެ. އެހެންވެ ރައީސަށް ވަކި އަދަދެއް ކަނޑައެޅުމުގެ ހައިސިއްޔަތު ނެތް ކަމަށް ވިދާޅުވި އެވެ.