އެންމެ ރިސޯޓެއް މިވަގުތު އޮތް ތ. އަތޮޅުގައި ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ރައީސް މުއިއްޒު އަންނަނީ ތ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގެ ތެރެއިން ތ. ވޭމަންޑޫގެ ޒުވާނަކު ރައީސް މުއިއްޒާ ބައްދަލު ކުރައްވާ ސުވާލެއް ކުރިއެވެ. އެ ސުވާލުގައި އޭނާ ވަނީ އެ އަތޮޅުގައި އިތުރު ރިސޯޓުތަކެއް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުގެ އެބައޮތްތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައީސް ވިދާޅުވީ ޒުވާނުންނާއި އަދިވެސް އެނޫން އުމުރު ފުރައިގެ މީހުންނަށް ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ޓޫރިޒަމް މެދުވެރިކޮށް އާމްދަނީ ލިބޭނެ ގޮތް ހޯދައި ދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ގިނަ ރިސޯޓުތަކެއް ތ. އަތޮޅަށް ގެންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރިސޯޓުތައް ތަރައްގީ ކުރާއިރު އިތުރު އެއާޕޯޓުތަކެއް ވެސް ތ. އަތޮޅަށް ބޭނުންވާނެ ކަމަށާއި އެހެންކަމުން ތ. ގުރައިދޫ އަދި ވިލިފުށީގައި އެއާޕޯޓު ތަރައްގީ ކުރަން ސަރުކާރުން ނިންމާފައި ވާނެ ކަމަށަ ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ އިގްތިސޯދަށް ގެންނަ ބަދަލުތަކާއެކު އިންވެސްޓަރުން ރާއްޖެ އަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.
"މި އަތޮޅަށް ވަރަށް ޔަގީން... މިއަހަރުވެސް ފެށޭވަރު ވާނެ [ރިސޯޓު ތަރައްގީ ކުރުން] އަދި ފަސް އަހަރަށް ބަހާލައިގެން ގިނަ ރިސޯޓުތަކެއް އަތޮޅުގެ އެކި ހިސާބުތަކަށް އެކި ދާއިރާތައް ކަވަރުވާ ގޮތަށް ގެނެސްދޭނަން،" ރައީސް ވިދާޅުވިއެވެ.
އޭރުން ގިނަ ޒުވާނުންނަށް ރިސޯޓުގައި މަސައްކަތް ކުރުމަށްފަހު އެނބުރި އާއިލާ ކައިރިއަށް ކޮންމެ ދުވަހަކުވެސް އާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.