ރިޔާސީ އިންތިހާބު ނިމި އާ ސަރުކާރަށް މަހެއް ވެސް ނުފުރެނީސް މަޖިލިސް ތެރެއިން އެމްޑީޕީން ސަރުކާރަށް ކުރިމަތިކޮށްލި ބޮޑު ޕްރެޝަރަކީ ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކިކުރެވޭނެ ގޮތް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމެވެ. އެމްޑީޕީން ގެނައި ބަދަލަކީ ރައީސާއި ނައިބު ރައީސް ވަކިކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަކުރާ ގޮތަށް ގެނައި ބަދަލެކެވެ.

މަޖިލިސް ގަވާއިދު ކުރިން އޮތް ގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ބޭނުންވެ އެވެ. މިހާރު މަޖިލީހުގައި ތިބެންޖެހޭ 87 މެމްބަރުން ހިމަނައިގެން ބަލާނަމަ މަޖިލިސް ތެރެއިން 58 މެމްބަރުންގެ ވޯޓު ރައީސާއި ނައިބު ރައީސް ވަކިކުރަން ބޭނުންވެ އެވެ.

ނަމަވެސް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގައި މިވަގުތު ތިއްބެވީ 80 މެމްބަރުންނެވެ. މަޖިލީހުގެ ގަވާއިދަށް އާންމު ކޮމެޓީން ގެނައި އިސްލާހަކީ ޖުމްލަ އަދަދު ގުނުމުގައި އެވަގުތެއްގައި މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުގުނާ ގޮތަށެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހަށް އިތުރު ހަ ދާއިރާއެއް ވަނީ އިތުރުވެފައި --ފޮޓޯ | މަޖިލިސް

އެއީ މިވަގުތު މަޖިލީހުގައި ތިބި 80 މެމްބަރުންގެ ތެރެއިން 54 މެމްބަރުންގެ ވޯޓުން ރައީސާއި ނައިބު ރައީސް ވަކި ކުރެވޭ ގޮތަށެވެ. މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ކޮންޓްރޯލްކުރާ އެމްޑީޕީގައި މި އަދަދަށް މެމްބަރުން ތިބުމަކީ އާ ސަރުކާރަށް އޮތް ބޮޑު "ބިރެކެވެ".

ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްކޮށްގެންނެވެ. އެކަމަކު ޖުމްލަ މެމްބަރުން ބަލާނީ އެވަގުތު މަޖިލީހުގައި ހުރި ގޮނޑީގެ އަދަދުން ކަމެއް ނުވަތަ ހުސްވެފައިވާ ގޮނޑި ނުހިމެނޭނެކަން އެ މާއްދާގައި ސާފުކޮށް ބުނެފައެއް ނުވެއެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އެއްޗެއް ކަމަށް ތަކުރާރުކޮށް ބުނެ ދައްކަވާ ހުއްޖަތަކީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސާއި ނައިބު ރައީސް ވަކިކުރުމުގައި ބަލަން ޖެހޭނީ ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ޖުމްލަ މެމްބަރުންގެ އަދަދަށް ކަމަށް ބުނެފައިވާ ބުނުމެވެ.

ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ ނާއިބު ހުސައިން މުހައްމަދު ލަތީފް: ފޮޓޯ | ރައީސް އޮފީސް

އިދިކޮޅު ބޭފުޅުން ދައްކަވާ ހުއްޖަތަކީ ޖުމްލަ އަދަދު ގުނުމުގައި ހުސްވެފައިވާ ގޮނޑިތައް ވެސް ހިމަނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ނެތް ވާހަކަ އެވެ. މި މައްސަލައަކީ ގާނޫނު އަސާސީގައި ސާފު ބަހުން ބުނެފައި ނެތް މައްސަލައަކަށް ވުމުން ދެކޮޅުގެ ހިޔާލު ތަފާތުވުންތަކުގައި ހުއްޖަތުތަކެއް އެބަހުއްޓެވެ.

ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭނެ ކަމަށް މާނަކުރަން ފަށައިފިނަމަ ރައީސާއި ނައިބު ރައީސަކީ އެންމެ 15 ވަރަކަށް މަޖިލިސް މެމްބަރުންގެ ވޯޓުން ވެސް ވަކިކޮށްލެވޭނެ ފަދަ އާދައިގެ މަގާމަކަށް ވެދާނެ އެވެ. މިސާލަކަށް މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 70 މެމްބަރުން އެއްފަހަރާ އިސްތިއުފާ ދީފިނަމަ ނުވަތަ ގޮނޑި ހުސްވެއްޖެނަމަ ދެން ބާކީ ތިބި 17 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ ވޯޓުން ރައީސާއި ނައިބު ރައީސް ވަކި ކުރުމުގެ ފުރުސަތު ލިބުނީ އެވެ.

ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މެންބަރުންތަކެއް: ފޮޓޯ | މަޖިލިސް

މިއީ ގާނޫނު އަސާސީގައި ރައީސާއި ނައިބު ރައީސް ވަކިކުރަން މަޖިލީހުގެ ހާއްސަ ބޮޑު އަގުލަބިއްޔަތެއް ކަނޑައެޅި މަގްސަދާ އެއްގޮތް ކަމަކަށް ނުވާނެ އެވެ. ލައްކައަކަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓުން ހޮވާ ރައީސާއި ނައިބު ރައީސް މަޖިލީހުގެ 12 މެމްބަރުންގެ ވޯޓުން ވަކި ކުރެވޭނެ ކަމަށް ބެލުމަކީ ގާނޫނީ ގޮތުން ޖޯކެކެވެ.

މި ބަހުސްގެ އަނެއްކޮޅުގައި އޮތް ހުއްޖަތް ވެސް ވަކި ގޯހެއް ނޫނެވެ. ތަމްސީލު ކުރާނެ މެމްބަރުންނެއް ނެތް ހުސް ގޮނޑިތަކެއް ލައިގެން, މަޖިލީހުގެ ޖުމްލަ އަދަދު ގުނާނަމަ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ހުސްވެފައިވާ ހާލަތްތަކުގައި ރައީސާއި ނައިބު ރައީސް ހިތު ހުރި ގޮތަކަށް ކަންކަން ކުރަން ފުރުސަތު ހުޅުވުނީ އެވެ. މިސާލަކަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް މަޖިލީހުގެ 50 މެމްބަރުން އެއްފަހަރާ ޖަލަށްލައިފިނަމަ ނުވަތަ ގޮނޑި ގެއްލިއްޖެ ކަމަށް ކޯޓަކުން ނިންމާ ހާލަތްތަކުގައި އާ މަޖިލިސް ހޮވެންދެން ނުވަތަ އާ މެމްބަރުން ހޮވެންދެން ރައީސާއި ނައިބު ރައީސް ވަކިނުކުރެވި ތިބެން ޖެހޭނެ އެވެ.

ރައްޔިތުން މަޖިލީހުގެ އާއްމު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ | މަޖިލިސް

އެގޮތަށް މާނަ ކުރުމަކީ ތިން ބާރު ވަކިވެފައިވާ އަދި ޖަވާބުދާރީވާން ޖެހޭ ފަދަ ރިޔާސީ ނިޒާމުގެ ސިފަތަކާ ދުރު ދެކޮޅު ނުޖެހޭނެ މާނަ ކުރުމެވެ.

މަޖިލީހުގެ ގަވާއިދަށް މި ގެނައި ބަދަލަކީ ހިޔާލު ތަފާތުވުން އޮތް ކަމަށް ވީ ނަމަވެސް އާ ސަރުކާރަކަށް މަހެއް ނުވާއިރު ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ ބިރެއް މަޖިލީހުގެ ތެރެއިން ދެއްކުމަކީ ގިނަ ބަޔަކު ބަލައިގަތް ކަމެއް ނޫނެވެ. އަދި އެފަދަ މައްސަލައެއް އަމުދުން ހުށަހެޅިފައި ނެތް ދުވަސްވަރެއްގައި އެފަދަ އިސްލާހެއް ގެނައި މަގްސަދު ސާފެއް ނޫނެވެ.