ގްރޭޑް 10އިން މަތީގެ ދަރިވަރުންނަށް ނުވަތަ ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ކިޔަވަމުންދާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވާތީ އެކަމަށް ޝައުގުވެރިވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އިމާމުންނާއި ހަތީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން ގުރޭޑް 12,11,10 ގައި ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރްއާން ކިޔަވައި، ނަމާދުގެ ފިގުހްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް، ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުގެ ހުއްދަ ދިނުމަށް މި މިނިސްޓްރީން ނިންމާފައިވާތީ، އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް އެދި ހުށަހަޅާނީ، އެ މިނިސްޓްރީން ގާއިމުކޮށްފައިވާ އިލްކްޓްރޯނިކް ފޯމު މެދުވެރިކޮށް ކަމަށެވެ. އަދި އެ ފޯމު އެ މިނިސްޓްރީން ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތައުލީމީ ސެޓްފިކެޓު ތަކުގެ ކޮޕީ
- ގުރުއާން މުބާރާތުން ވަނަ ލިބިފައިވާނަމަ ލިބިފައިވާ ސެޓްފިކެޓްގެ ކޮޕީ
- ސްކޫލުގައި އުޅޭނަމަ ލިޔުން
- ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން (18 އަހަރު ފުރިފައި ނުވާނަމަ)
އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް އެދޭ ދަރިވަރުން އަންނަ ފެބްރުއަރީ މަހުގެ 24ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ މިނިސްޓްރީ އަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް ގްރޭޑް 10އިން މަތި [11 އަދި 12 ހިމެނޭހެން] ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް މިނިސްޓްރީން ނިންމެވީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހަތީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ހުރުމާއެކު، ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.