ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ލަސްވެ، ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިއަދު ހެނދުނު 10 އިން ފެށިގެން ހަވީރު 4:00އަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާ ލަސްވުމާ ގުޅިގެން، އެ ޕާޓީގެ އާންމު މެމްބަރުން ގެންދަނީ އެކަމުގެ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އިންތިހާބުގެ ނަތީޖާ އަވަސް ކުރަން ގޮވާލައި، އެ ޕާޓީގެ ބައެއް އެކްޓިވިސްޓުން ގެންދަނީ ސޯޝަލް މީޑިއާގައި ހިޔާލުފާޑުކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝަމްއޫން ޖަލީލް (ލޫކަސް) ގޮވާލާފައި ވަނީ ނަތީޖާ އަވަސް ކުރުމަށެވެ.

ޑިމޮކްރެޓްސްގެ ބައެއް އެކްޓިވިސްޓުން ކަންބޮޑުވުން ފާޅުކުރަން ފެށީ ވަގުތީ ނަތީޖާ މާދަމާގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް ޑިމޮކްރެޓްސްއިން ބުނުމުންނެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު އަންވަރު (ސިންވާ) އެކްސްގައި ބުނެފައި ވަނީ އެކަން ބަލައިނުގަނެވޭނެ ކަމަށާއި ނަތީޖާ މިރޭ އިއުލާންކުރަންޖެހޭނެ ކަމަށެވެ.

https://x.com/Simwarr/status/1730992629989646355?s=20

ޑިމޮކްރެޓްސްއިން ވަގުތީ ނަތީޖާ އިއުލާން ނުކުރަނީސް، އެ ޕާޓީގެ ރައީސްކަމުގެ އިންތިހާބު ކާމިޔާބުވެއްޖެނަމަ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިރޭ ވަނީ އިއުލާން ކުރައްވާފައެވެ. ހަސަންއަކީ އެ ޕާޓީގެ ވަގުތީ ޗެއަރޕާސަން ވެސްމެއެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމަށް ދެން ވާދަ ކުރަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރުއެވެ. ލޫކަސް އާއި ސިމްވާ ތާއިދު ކުރަނީ އަމްރުއަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުން ދައްކާގޮތުން ދަ ޑިމޮކްރެޓްސްގެ އާންމު މެމްބަރުންގެ އަދަދަކީ 3،280އެވެ. ނަމަވެސް އެ ޕާޓީން ބުނަނީ އެތެރޭގެ އިންތިހާބުގައި 5،835 މެންބަރުންނަށް ވޯޓުލެވޭނެ ކަމަށެވެ.

ޑިމޮކްރެޓްސް އެތެރޭގެ އިންތިހާބުގައި އެ ޕާޓީއަށް އާ ނައިބު ރައީސުންނާއި ޒުވާން ލީޑަރުންގެ އިތުރުން ސިޓީތަކުގެ ރައީސުންނާއި ރަށްތަކުގެ ރައީސުން ވެސް އިންތިހާބު ކުރެއެވެ.

ޑިމޮކްރެޓްސްއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، އެމަނިކުފާނަށް ތާއިދު ކުރާ މަޖިލިސް މެމްބަރުންތަކެއް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ އެންމެ ފުރަތަމަ މުއައްސިސަކީ ޙަސަަން ލަޠީފެވެ.