ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ އަށް ބަދަލު ކުރުމުގެ މަޝްވަރާތައް އެޑިއުކޭޝަން މިނިސްޓްރީން ފެށުމުން އެކަމާއި ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހަޅައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ރ. އިސްމާއީލް ޝަފީއު މިދިޔަ ހަފްތާގައި ވަނީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ އެކު ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި އެ މަޝްވަރާތައް ކުރިޔަށް ދިޔައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މިކަމާއި ގުޅިގެން ސުވާލު ކުރަން ހުށަހަޅާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާއިރު ކުދިންގެ ކިޔެވުމަށް ވާނެގޮތަކާމެދު ބެލެނިވެރިންގެ ކަންބޮޑުވުން އޮތުމާއެކު އެކަން ކުރަން އުޅޭ ގޮތެއް ދެނެގަތުމަށް މިނިސްޓަރަށް ސުވާލު ކުރުމަށް ރޮޒައިނާ ވަނީ ހުށަހަޅައިފައެވެ.
ރިޔާސީ ކެމްޕެއިނަށް ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2025ވަނަ އަހަރުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކޮށް، ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ބަދަލު ކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިރާސީ އައު އަހަރު އަހަރުގެ މެދު ތެރޭގައި ފަށާ ގޮތަށް ނިންމީ ކޮވިޑް19ގެ އާލަމީ ވަބާގެ ސަބަބުންނެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ވިދާޅުވާ ގޮތުގައި އެ ބަދަލުގެ ސަބަބުން ބެލެނެވެރިންނާއި ދަރިވަރުންނަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު ބޮޑު ޗުއްޓީ އަންނަނީ ރާއްޖެ އަށް ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމަށާއި އެހެންކަމުން ބަންދުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށެވެ.