ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޓްރާންސްޕޯޓު މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ މުހައްމަދު އަމީން (ކެޕްޓަން އަމީން) އައިލެންޑް އޭވިއޭޝަންގެ ވަޒީފާއެއްގައި ހުއްޓާ ވަޒީފާ އިން ވަކިކުރި މައްސަލަ ކޯޓުގައި އޮއްވާ ވަޒީރު ކަމަށް ވަޑައިގެން އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށް ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޑިރެކްޓާ ފްލައިޓް އޮޕަރޭޝަންގެ މަގާމުން އަމީން ވަކިކުރި މައްސަލާގައި ސިވިލް ކޯޓުން ވަނީ އަމީނަށް ބަދަލުގެ ގޮތުގައި 8.3 މިލިއަން ރުފިޔާ ނަގައި ދިނުމަށާއި އަދި ވަޒީފާ އިޔާދަ ކޮށްދިނުމަށް އަމުރުކޮށްފައެވެ. ނަމަވެސް އަމީން ވަނީ އައިލެންޑް އޭވިއޭޝަންގެ އެދުމުގެ މަތިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައެވެ.
"ހަގީގަތުގައި އަޅުގަނޑު ފައިސާ ބޭނުންވެގެން ކުރި ކަމެއް ނޫން އެއީ. އެއީ އަޅުގަނޑުގެ ރިކޯޑު ސާފު ކުރުމަށް ކުރި ކަމެއް،" އެ މައްސަލާގައި ކަންތައް ވެގެންދިޔަ ގޮތް "ހަތާވީސް" އަށް ހިއްސާ ކުރައްވަމުން އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެކަމުގައި އައިލެންޑް އޭވިއޭޝަނުން ތިންވަނަ ޕާޓީއެއްގެ ގާނޫނީ ލަފާވެސް ހޯދި ކަމަށެވެ. އެ ލަފާގައި ވެސް އޮތީ ހައިކޯޓުން ވެސް އަދި ސުޕްރީމް ކޯޓުން ވެސް ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނާނެ ކަމަށް ބަޔާން ކޮށްފައި ނުވާތީ އައިލެންޑް އޭވިއޭޝަނުން ކޯޓުން ބޭރުގައި މައްސަލަ ނިންމަން ބޭނުންވީ ކަމަށް އަމީން ވިދާޅުވިއެވެ.
"ކުރީ ސަރުކާރުން އެއްބަސްވީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން. ދެން އައިލެންޑް އޭވިއޭޝަންގެ ބޯޑުން ނިންމީ ކޯޓު ހުކުމުގެ 20 ޕަސެންޓު [2.3 މިލިއަން ރުފިޔާ] ދޭން. އެގޮތަށް ހުށަހަޅީމަ އަޅުގަނޑު އެއްބަސްވީ،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެގޮތަށް އޭނާ އެއްބަސްވުމުން އައިލެންޑް އޭވިއޭޝަނަށް 80 ޕަސެންޓު ސަލާމަތް ކުރެވިއްޖެ ކަމަށެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި އޭނާ ވަޒީރު ކަމަށް ވަޑައިގެންނެވި ގޮތަށް ނިންމެވި ކަމެއްވެސް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.
"މިކަމަކާއި އަޅުގަނޑަށް ލިބުނު ވަޒީރު ކަމަކާއި އަދި ރައީސް މުއިއްޒަކާއި ވެސް އެއްވެސް ގުޅުމެއް ނެތް. ދިން އެއްޗެއް ދީފައި އޮތީ ކުރީ ސަރުކާރުން،" އަމީން ވިދާޅުވިއެވެ.