އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު، އަންނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ މިއަދުގެ ކޮމެޓީގައި ވާހަކަދައްކަވަމުން އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ 19ވަނަ ރައްޔިތުން މަޖިލީހުގެ ދައުރު ހަމަވަނީ އަންނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހަށް ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އިންތިހާބު ބާއްވަން މަސައްކަތް ކުރާ ކަމަށްވާ ނަމަ، އިންތިހާބު ދިމާވަނީ ސްކޫލުތަކުގެ މޮކް އިމްތިހާނަށް ކަމަށް ހަބީބު ވިދާޅުވިއެވެ. ސްކޫލުތަކަކީ ވޯޓުލުމަށްޓަކައި އިލެކްޝަންސް އިން ކޮންމެ އިންތިހާބެއްގައި ވެސް ބޭނުން ކުރަމުން އަންނަ މަރުކަޒުތަކެވެ.

އިންތިހާބުގައި ވާދަ ކުރުމަށް އިލެކްޝަނުން ހުޅުވާލަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 15ވަނަ ދުވަހަށެވެ. ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު ގުރުއަތު ނެގުމަށްފަހު ނަންތައް ތަރުތީބު ކުރުމަށް ރާވާފައިވާއިރު ފެބްރުއަރީ 18 އިން ފެށިގެން 30 ދުވަހަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމަށް ވެސް އީސީން ވަނީ ނިންމައިފައެވެ. އަދި މާޗު މަހުގެ 30ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ. އިންތިހާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ ރޯދަމަހެވެ.

ހަބީބް ވަނީ ރޯދަމަހު އިންތިހާބެއް ބޭއްވުމަށް ގޮންޖެހުންތަކާއި ދައްޗާއި ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި އޮފިޝަލުން ތަމްރީނު ކުރުމާއި ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ވެސް ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އެކަން ހައްލު ކުރުމަށް އިލެކްޝަނުން ދެގޮތެއް ހުށަހެޅިއެވެ. އެއީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކުރުން ނޫނީ ކެމްޕެއިން ކުރުމަށް 20 ދުވަސް ދިނުމެވެ.